ޕާކިސްތާނުގެ އާ ބޮޑުވަޒީރު ނަވާޒު ޝަރީފު އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ ހުވާކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު އެ މަނިކުފާނަށް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ބޮޑުވަޒީރު ނަވާޒު ޝަރީފަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ނަވާޒު ޝަރީފު ޕާކިސްތާނުގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމުގެ މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނަވާޒު ޝަރީފުގެ ޒަޢާމަތުގައި، ސަރަޙައްދީ ކަންކަމުގައި ޕާކިސްތާނު ސަރުކާރުން އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެ، ޕާކިސްތާނުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކުރިއެރުން ލިބިގެން ދިޔުމަށް އެދިވަޑައިގެންފައިވެ އެވެ.