މިދުވަސްވަރަކީ ރާއްޖެ އަށް މޫސުމް ގޯސްވެ، އަދި ކަނޑުގަދަ ދުވަސްވަރަކަށް ވެފައި ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރަމުންދާތީ ހިކިފަސްތަނުގައި ތިބެ ފުރައިގެން ނުދިއުމަށާއި މޫސުމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުގެ ކޯސްޓްގާޑުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އުޅަނދު ފަހަރު ދަތުރަށް ފުރާ އިރު، މުއާސަލާތީ ސެޓްތައް ހުރީ ރަނގަޅުތޯ ޗެކް ކުރުމަށާއި އެ ނޫނަސް ކަނޑުދަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ހަދާފައި ހުންނަ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސް ކުރާ ކަމަށެވެ. މުދާއުފުލާ އުޅަނދުފަހަރަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި ދަތުރު ކުރާ ފަސިންޖަރުންނަށް ފަސޭހަކަމާ އެކު ލައިފްޖެކެޓް އަތުޖެހޭނެ ގޮތަށް އެންމެނަށް ހަމަވާ ވަރަށް ލައިފްޖެކެޓް ބެހެއްޓުމަށް ވެސް ކޯސްޓްގާޑުން އިލްތިމާސް ކުރެ އެވެ. މީގެ އިތުރުން ހުރިހާ އުޅަނދެއްގައި ވެސް ދިޔަހިއްކާނެ ރަނގަޅު ނިޒާމުތަކެއް ބެހެއްޓުމަށް ވެސް ވަނީ ބުނެފަ އެވެ.
މެޓް އޮފީހުން މިއަދު ސަން އަށް ބުނީ މިއަދު ވައި ހުރީ ގަޑިއަކު 30 މޭލާއި 40 މޭލުގެ ބާރުމިނުގައި ކަމަށެވެ.