އެމްޑީޕީ ކޮންގެސް ކަވަރު ކުރަމުންދިޔަ ނޫސްވެރިން ކޮންގްރެސްގެ ވަކި ހިސާބަކުން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުން ނެރެލައިފި އެވެ.


އެ މާލަމުން ނޫސްވެރިން ނެރެފައި ވަނީ، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، އެމްޑީޕީން ކާމިޔާބު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި އެ އިންތިހާބު ކާމިޔާބު ކުރުމަށް ހުރި ގޮންޖެހުންތަކާ ބެހޭ ގޮތުން ކޮންގްރެސްގެ ބައިވެރިން ވާހަކަ ދެއްކުމަށް އޮތް ސެޝަންގެ މެދު ތެރެއިންނެވެ.


މިއަދު ހެނދުނުން ފެށިގެން މެންދުރު ބާރަޖެހުމާ ހަމައަށް ސެޝަން ކުރިއަށް ދިޔަ އިރު ވެސް އެ މާލަމުގައި ނޫސްވެރިން ތިއްބެވެ. ނަމަވެސް މެންދުރު ފަހު 2 އިން ފެށިގެން  ބައްދަލުވުން ފެށިގެން ކުރިއަށް ގޮސް 3:47 ހާކަންހާއިރު އެމްޑީޕީގެ އޮފިޝަލަކު އެންގެވީ އެ މާލަމުގައިތިބި ނޫސްވެރިން މާލަމުން ނުކުތުމަށެވެ. އަދި ވިދާޅުވީ އެ ބައްދަލުވުމަކީ ނޫސްވެރިންނަށް ހުޅުވާލެވިފައިވާ ބައްދަލުވުމެއްނޫން ކަމަށާއި ބައްދަލުވުމުން އަވަހަށް ނުކުތުމަށެވެ.


ނަމަވެސް ކޮންގްރެސް ފެށިގެން މިހާ ހަމައަށް އައިއިރު، ވަކި ބައްދަލުވުމެއް ނުވަތަ ވަކި ބަހުސްތަކެއް ކަވަރު ނުކުރެވޭނެ ކަމަށް ނޫސްވެރިންނަށް ކުރިން އަންގައިފައެއް ނުވެ އެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ ގޮތުން އެމްޑީޕީ ދާއިރާތަކުގެ އިސްވެރިން ކުރިއަށް ގެންދިޔަ ހިޔާލު ފާޅުކުރުންތަކުގައި ބައެއް މެންބަރުން ވަނީ ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ތާރީހު ކަޑައަޅައި، ރައްޔިތުންނަށް ނުފުއްދެވޭ ވައުދުތައް ވެވަޑައި ނުގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ގޮވައިލުމުގެ އިތުރުން ސަރުކާރުން ދޭން ޖެހޭ ހިދުމަތްތަކަށް ބައެއް ހިސާބުތަކުގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް މެންބަރުން ވިދާޅުވި އެވެ.