07 Jun 2013, 13:29
ރާމަﷲ (ޖޫން 07): ފަލަސްތީނުގެ އައު ސަރުކާރުގެ ކެބިނެޓް 23 ވަޒީރަކާ އެކު ހުވާކޮށްފި އެވެ. މިކަމަށްޓަކައި ރާމަﷲގައި ހުންނަ ފަލަސްތީނުގެ ރިޔާސީ އެކުވެނީގެ ޢިމާރާތުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ފަލަސްތީނުގެ އައު ބޮޑުވަޒީރު ޑރ. ރާމީ ޙަމްދުﷲ އާއި އޭނާގެ ކެބިނެޓް، ހުވާކުރެއްވީ ރައީސް މަޙްމޫދު ޢައްބާސްގެ ކުރިފުޅުމަތީގަ އެވެ.
ފަލަސްތީނުގައި އައު ސަރުކާރެއް އެކުލަވާލީ އެގައުމުގެ ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބުތައް ބޭއްވުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ. ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ރިޔާސީ ދައުރު 2010ގައި ވަނީ ހަމަވެފަ އެވެ. އަދި ޕާލަމެންޓްގެ ދައުރުވެސް 2011 ގައި ވަނީ ހަމަވެފަ އެވެ. ނަމަވެސް އިސްރާއީލުގެ ގޯނާތަކާއި އުދުވާންތަކުގެ ސަބަބުންނާއި ޙަމާސް ޖަމާއަތާއި ފަތްޙު ޖަމާޢަތުގެ ދެބަސްވުންތަކުގެ ސަބަބުން ފަލަސްތީނުގައި އިންތިޚާބުތައް ބޭއްވުން ވަނީ ވަކިމުއްދަތެއްނެތި ފަސްކޮށްފަ އެވެ.
ފަލަސްތީނުގައި އާ ސަރުކާރެއް އެކުލަވާލުމަށް މަގުފަހިވެގެން ދިޔައީ އެގައުމުގެ އެންމެ ބޮޑު ދެޖަމާއަތް ކަމަށްވާ ފަތްޙު ޖަމާއަތާއި ޙަމާސް ޖަމާއަތުން މިދިޔަ މަހު މިކަމަށް އެއްބަސްވުމަކަށް އައުމާ ގުޅިގެންނެވެ. ފަލަސްތީނުގެ އައު ސަރުކާރުގެ ލަނޑުދަނޑިއަކީ މިއަހަރު ނިމުމުގެ ކުރިން ފަލަސްތީނުގައި ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބުތައް ބޭއްވުމެވެ. ފަލަސްތީނުގައި އަލަށް އެކުލަވާލި ސަރުކާރުގެ ކެބިނެޓްގައި ހިމެނެނީ 23 ވަޒީރުންނާއި ބޮޑުވަޒީރުގެ ދެ ނައިބުންނެވެ. އައު ކެބިނެޓްގައި ގިނައީ ކުރީގެ ސަރުކާރުގައި ވެސް ތިއްބެވި ވަޒީރުންނެވެ. ނަމަވެސް މުޅިން އަލަށް ކެބިނެޓާ ގުޅުނު އަށް ވަޒީރަކު ވެސް ހިމެނެ އެވެ.
ފަލަސްތީނުގެ އައު ސަރުކާރަކީ ވަގުތީ ސަރުކާރަކަށް ވެފައި ވަކިފަރަތަކަށް ނުޖެހޭ އަދި އިންތިޚާބުތަކަށް މަގުފަހިކުރާ ސަރުކާރަކަށްވާތީ ކެބިނެޓްގެ ތިންބައިކުޅަ ދެބައަށް ވުރެ ވެސް ގިނަ ވަޒީރުންނަކީ ޕީއެޗްޑީ ލެވެލްގެ ސިޔާސީ ނޫން ޢިލްމީ ޓެކްނޮކްރޭޓުންނެވެ. ފަލަސްތީނުގެ އައު ބޮޑުވަޒީރަކީ އެގައުމުގެ އައްނަޖާހް ޔުނިވަރސިޓީ ޗާނެސެލަރ ޑރ. ރާމީ ޙަމްދުﷲ އެވެ.