މޮސްކޯ (ޖޫން 07): މެދުތެރޭ ކަނޑުގައި ދާއިމީގޮތަކަށް މަރުކަޒު ކުރުމަށްޓަކައިރަޝިޔާގެ ކަނޑުގެ ސިފައިންގެ ޔުނިޓެއް އެކަނޑަށް ފޮނުވައިފި އެވެ.

މިކަން ހާމަކުރައްވަމުން ރަޝިޔާ ސިފައިންގެ ކޮމާންޑަރު އަދި ޗީފް އޮފް ސްޓާފް ވިދާޅުވީ މިޔުނިޓް އެކުލެވިގެން ވަނީ 16 މަނަވަރާއި ތިން ހެލިކޮޕްޓަރުގެ މައްޗަށެވެ. ސޯޅަ މަނަވަރުގެ ތެރެއިން ތިން މަނަވަރަކީ ހެލިކޮޕްޓަރު ޖެއްސޭގޮތަށް ތައްޔާރުކޮށްފައިވާ މަނަވަރުތަކެވެ. މި 16 މަނަވަރުގައި ތިންހާހެއްހާ ކަނޑުގެ ސިފައިން ހިމެނޭނެ ކަމަށް ވެސް ރަޝިޔާ ބުނެ އެވެ. މެދުތެރޭ ކަނޑުގައި ރަޝިޔާގެ ދާއިމީ ޢަސްކަރީ ވުޖޫދެއް ބާއްވާގޮތަށް ހަމަޖެއްސިކަން އެގައުމުން އިޢްލާންކޮށްފައި މިވަނީ މެދުތެރޭ ކަނޑުގެ އައްސޭރީގައިވާ ގައުމެއް ކަމަށްވާ ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަނުމަށް އެމެރިކާގެ ސެނެޓްގައި ހިމެނޭ ހަރުކަށި ޚިޔާލުގެ ބައެއް މެންބަރުން ގޮވާލައްވަމުން ގެންދަވާ ވަގުތެއްގަ އެވެ.

އެމެރިކާގެ ސެނެޓްގެ ހަރުކަށި ޚިޔާލުގެ މެންބަރެއް ކަމަށްވާ ސެނެޓަރ ޖޯން މެކޭންވަނީ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް އެމެރިކާގެ ޒަމާނީ ހަތިޔާރު ފޯރުކޮށް ދިނުމަށާއި ސޫރިޔާގައި އުދުހުންމަނާ ސަރަހައްދެއް އެމެރިކާ އިސްވެ އޮވެގެން ޤާއިމް ކުރުމަށް ރައީސް ބަރަކް އޮބާމާގެ ސަރުކާރަށް ގޮވާލައްވާފަ އެވެ. މެދުތެރޭ ކަނޑުގައި ރަޝިޔާގެ ދާއިމީ ޢަސްކަރީ ވުޖޫދެއް ބޭއްވުމަށް ނިންމި ނިންމުން ދިފާޢު ކުރައްވައި ވާހަކަ ދައްކަވަމުން އެގައުމުގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވީ މިއީ ވަކިގައުމަކާ ދެކޮޅަށް ނޫނީ އެއްކޮޅަށް ވެސް ކުރާކަމެއް ނޫން ކަމަށާއި އަދި މިއީ ހަނގުރާމައަށް ބެރުޖެހުންވެސް ނޫންކަމުގަ އެވެ. ނަމަވެސް ޕޫޓިން ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް އެމެރިކާ އަށް އިންޒާރު ކުރައްވާފަ އެވެ.

މެދުތެރޭ ކަނޑުގެ އައްސޭރިފަށުގައިވާ ސޫރިޔާގެ ބަނދަރު ރަށެއްކަމަށްވާ "ތަރްތޫސް"ގައި ރަޝިޔާގެ ކަނޑުގެ ސިފައިންގެ ބޭހެއް އޮވެ އެވެ. އަދި އެބަނދަރަށް ރަޝިޔާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި ކަނޑުގެ ސިފައިންގެ އެހެން އުޅަނދުތައް ވެސް ވަރަށް ގިނައިން ދެއެވެ. (އަލްޖަޒީރާ)