ނައިޓް މާކެޓް ބާއްވާ ސަރަހައްދުގަައި ޖަހާފައި ހުރި ބައެއް ޓެންޓްތައް ރޭ އައި ގަދަކޮޅި ގަނޑާއެކު ހަލާކުވެއްޖެ އެވެ.

ސަންއާ ވާހަކަދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު މިއަދު ވިދާޅުވީ ރެއިން ފެށިގެން ވައިގަދަވެ ވިއްސާތަވުމުގެ ސަބަބުން، ނައިޓް މާކެޓް ސަރަހައްދުގައި ޖަހާފައި ހުރި ވަރަށް ގިނަ ޓެންޓްތަކެއް ހަލާކުވެފައިވާ ކަމަށެވެ. އަދި މިހާރު އެ ޓެންޓްތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަލިބެ ވިދާޅުވި އެވެ. ނަމަވެސް ހަލާކުވެފައި ވަނީ ކިހާ އަދަދެއްގެ ޓެންޓެއް ކަމެއް ދަންނަވަން ނޭނގޭ ކަމަށް ވެސް އަލިބެ ވިދާޅުވި އެވެ.

"ނައިޓް މާކެޓް ސަރަހައްދުގައި ޖަހާފައި ހުރި ވަރަށް ގިނަ ޓެންޓް ތަކެއް ވަނީ ވައިގަދަވުމުގެ ސަބަުން އުކާލާފައި. މިހާރު ނައިޓް މާކެޓް ބާއްވާ ގޯ މީޑީއާގެ ބޭފުޅުން އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދޭ. އެ ބޭފުޅުން ޔަގީކަން ދިން ޓެންޓްތައް މަރާމާތު ކުރުމަށް ފަހު ނައިޓް މާކެޓް ކުރިއަށް ގެންދެވޭނެ ކަމަށް،" އަލިބެ ވިދާޅުވި އެވެ.

އޭނާ އިތުތރަށް ވިދާޅުވީ ޓެންޓްތައް މަރާމާތުކުރެވި މޫސުން ތަންދޭ ނަމަ މިއަދު ހަވީރު ނައިޓް މާކެޓް ކުރިއަށް ދާނެ ކަމަށެވެ. އަދި އެކަމުގެ ޔަގީންކަން ގޯ މީޑި އިން ދީފައިވާ ކަމަށް ވެސް އަލިބެ ވިދާޅުވި އެވެ.

ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވިޔަފާރީގެ "އީދު"، ނައިޓް މާކެޓް، 720 މޭޒާ އެކު ހުޅުވީ ރެ އެވެ.

ގޯ މީޑިއާ މޯލްޑިވްސް އިން އިންތިޒާމު ކުރާ ނައިޓް މާކެޓުގައި ރާޅުގަނޑު ސަރަހައްދުގެ "ޓަސްކަލޫސާ" އާއި ހަމައިން މޭޒުފަތި ދަމައިލި ގޮތަށް އަމީނީމަގުން ކުރީގެ ހައި ކޯޓް ކަންމައްޗާ ހަމައަށާއި ބޮޑުތަކުރުފާނު މަގުން ފަތާ ޓްރެކް ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑާ ހަމައަށް މޭޒްތައް އަތުރާލާފައިވެ އެވެ.

ނައިޓް މާކެޓް އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން 12:00 އަށެވެ.