07 Jun 2013, 10:55
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗީފް އެގްޒެކްޓިވް އޮފިސަރަށްދޭ 132،000ރ.ގެ މުސާރަ ކުޑަކުރަން އެ ކުންފުނީގެ ޗެއާމަނަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އަންގަވައިފި އެވެ.
އެމްޕީއެލްގެ ޗެއާމަން ހަސަން ޝާހަށް އެޑްރެސްކުރައްވައި ފިނޭންސް މިނިސްޓަރު މިދިޔަ މާޗް 3ގައި ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެ ކުންފުނީގެ ސީއީއޯގެ މުސާރަ އިތުރުކުރުމަށް ނިންމެވި ނިންމެވުން އަލުން ކުންފުނީގެ ބޯޑަށް ގެންދަވައި، އެ ބަދަލުގެ ކުރިން ސީއީއޯ އަށް ދެމުން ގެންދިޔަ މުސާރަ އިޔާދަކުރުމަށެވެ.
ކުރިން ސީއީއޯ އަށް ދިނީ އެލަވަންސާ އެކު 62،000 ރުފިޔާ އެވެ.
"އަދި ދަންނަވަމެވެ. ކުރިޔަށް އޮތްތަނުގައި ތިޔަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މުސާރައިގެ ސްޓްރަކްޗާއަށާއި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން އެލަވަންސް އަދި ސީއީއޯގެ މުސާރަ އަށް އެއްވެސް ބަދަލެއް ގެންނެވުމުގެ ކުރިން މި މިނިސްޓްރީގެ ހުއްދަ ހޯއްދެވުމަށް ދެންނެވީމެވެ،" އެ ސިޓީގައި މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
އެމްޕީއެލްގެ ސީއީއޯގެ މުސާރަ މިއަހަރު ކުރީކޮޅު ބޮޑުކުރުމުން މުސާރަ އިތުރުކޮށްފައި ވަނީ ކޮން އުސޫލަކުން، ކޮންކޮން ކަންކަމަށް ބައްލަވައިގެންތޯ އޮޅުންފިލުވުމަށް ފެބްރުއަރީ 13ގައި ވެސް ފިނޭންސް މިނިސްޓަރު އެ ކުންފުނީގެ އޭރުގެ ޗެއާމަން އަބްދުލްމަތީން އަހުމަދަށް ސިޓީއެއް ފޮނުވާފައިވެ އެވެ.
އެމްޕީއެލްގެ ސީއީއޯގެ މުސާރަ 132،000ރ. އަށް ޑިރެކްޓަރުންގެ ބޯޑުން ބޮޑުކުރި އިރު ސީއީއޯއަކަށް ހުންނެވީ މަހުދީ އިމާދެވެ. އެ ކުންފުނީގެ ސީއީއޯގެ މުސާރަ ބޮޑުކުރުމާ ގުޅިގެން އެ މައްސަލަ އޭސީސީން ބަލަމުން ދަނިކޮށް އޭނާ ވަނީ ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ކަމަށް ބަދަލުކުރައްވައިފަ އެވެ. އަދި އެ މަގާމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ލަތީފް ރައީސް މުހައްމަދު ވަހީދު ވަނީ އައްޔަންކުރައްވައިފަ އެވެ.
އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ލަތީފް އައްޔަންކުރެއްވުމަށް ފަހު ވެސް ދެމުން ގެންދަނީ ބޮޑުކުރި މުސާރަ އެވެ. ނަމަވެސް ސަން އަށް ލިބިފައިވާ ސެލަރީ ސްލިޕްގެ ކޮޕީއެއްގައި ވަނީ ސީއީއޯގެ ބޭސިކް މުސާރައަކީ 80،000ރ. އެވެ. އަދި އެލަވަންސްގެ ގޮތުގައި 22،000ރ. ލިބެ އެވެ.
ސަންއާ ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ޗެއާމަން ޝާހު ވިދާޅުވީ ފިނޭންސް މިނިސްޓަރު ފޮނުއްވި ސިޓީއެއް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބޯޑަށް ގެނެސް މަޝްވަރާކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ މައްސަލަ ބޯޑުގައި މަޝްވަރާކުރާއިރު ވާގޮތަކީ ސީއީއޯ ބޯޑުގައި އެބައިންނަވާ. އޭނާ ބަހައްޓައިގެން އެކަންކުރެވޭކަށް ނެތް. އެކަމަކު ނެތީމަ ބޯޑުގެ ކޯރަމް ވެސް ހަމައެއްނުވޭ. އެހެންވެ އެކަން ނުކުރެވިގެން އުޅެނީ،" ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސީއީއޯ އަށް ދޭނެ މުސާރައެއް ދެން ކަނޑައެޅެނީ ބޯޑުން މަޝްވަރާކުރުމަށް ފަހު ކަމަށެވެ.