ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު، ފަލަސްޠީނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަސްޖިދުލްއަޤްޞާ އަށް މިއަދު މެންދުރުކުރީގައި ޒިޔާރަތް ކުރައްވައިފި އެވެ.

މި ޒިޔާރަތުގައި، މިސްކިތުގެ އިމާމާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރެއްވި އެވެ. އަދި، މަސްޖިދުލްއަޤްޞާގެ ތާރީޚާބެހޭ ގޮތުން މަޢުލޫމާތު ހޯއްދެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް ވަހީދު ފަލަސްތީނަށް ވަޑައިގެންނެވީ މިމަހުގެ ހަތަރުވަނަ ދުވަހު އެވެ.

ފަލަސްތީނުގެ ރާމަﷲ ގައި އިއްޔެ ފެށި އިންޓާނޭޝަނަލް އިސްލަމިކް ކޮންފަރެންސް އޮފް ބައިތުލްމަގުދިސްގެ ހަތަރު ވަނަ ބައްދަލުވުން އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން ރައީސް ވަހީދު އިއްޔެ ތަގުރީރު ކުރެއްވި އެވެ. އެތަގުރީރުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ފަލަސްތީނުގެ ދަރިން އުންމީދުން މަހުރޫމް ކުރެވިގެން ނުވާނެ ކަމަށާއި އަމިއްލަ ގައުމެއް ނެތި ބޮޑެތިވެގެން ދިޔުމަކީ ފަލަސްތީނުގެ ދަރިންނަށް ވެވޭ ބޭއިންސާފެއް ކަމަށެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ބައިތުލް މަޤްދިސްގެ ވާހަކަދައްކާއިރު ފަލަސްޠީނުގެ ރައްޔިތުންނަށް ޖެހިފައިވާ ހާލާ ބެހޭގޮތުން ވާހަކަނުދައްކާ ދޫކޮށްލެވޭކަށް ނެތް ކަމަށާއި މި މައްސަލައަކީ ދީނީ މައްސަލައެއް ކަމުގައި ދެކި ވަކި ފަރާތަކަށް ބުރަވުމަށް ފަސްޖެހި ދުނިޔޭގެ ގައުމުތަކަށް މިވަނީ ފަލަސްޠީނުގެ ރައްޔިތުން ނިކަމެތި ކުރެވިފައި ކަމުގައި ވިދާޅުވި އެވެ.

މިއީ ހައްލު ނުކުރެވޭނެ މައްސަލައެއް ކަމަށް މިހާރު ވަރަށް ގިނަ ފަރާތްތައް ދެކޭ ކަމަށާއި އެހެންނަމަވެސް ފަލަސަޠީނުގެ މައްސަލައަކީ އިންސާނީ މައްސަލައެއް ކަމުގައި ރައީސް ވިދާޅުވި އެވެ. "ޝައްކާއި ބިރުވެރިކަމުގެ ތެރޭގައި ފަލަސްޠީނުގެ ކުދިން ބޮޑުވާން ޖެހުމަކީ ދެމިގެންވާ ސުލްހަވެރިކަމެއް ގާއިމުކުރުމަށް އެޅޭނެ ހުރަހެއް. އަމާން، ސުލްހަވެރި އަދި ރައްކާތެރި މުސްތަގުބަލެއް އެ ކުދިންނަށް ފަލަސްޠީނާއި އިޒްރޭލުގެ ވެރިން ހޯދައިދޭން ޖެހޭ" ރައީސް ވިދާޅުވި އެވެ.

ފަލަސްޠީނުގެ މައްސަލައާބެހޭ ގޮތުން ރާއްޖެއިން ދެކޭގޮތް ވަރަށް ސާފުކަމުގައި ވިދާޅުވަމުން، މިނިވަން ދައުލަތެއް ބިނާކޮށް، 1967 ވަނަ އަހަރު އިސްރާއީލުން ކުރި ހަނގުރާމައިގައި ހިފާފައިވާ އިރުމަތީ ގުދުސް ފަލަސްޠީނުގެ ވެރިރަށަކަށް ހެދުމަށް ރާއްޖެއިން ތާއީދުކުރާކަން ރައީސް ވިދާޅުވި އެވެ. އަދި 2002 ވަނަ އަހަރުގެ އަރަބި ސުލްހައިގެ ޕްލޭނަށް ވެސް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވަމުން އެމެރިކާއިން އިސް ނަގައިގެން މިހާރު ހިނގަމުންދާ ސުލްހައިގެ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

"މިއީ އަމަލުން ކަންކަން ދައްކައިދިނުމުގެ ވަގުތު. މިއީ، މަޝްވަރާއާއި ދެ ފަރާތުންވެސް އެއްބަޔަކު އަނެއްބަޔަކުގެ ވާހަކަތައް އަޑުއަހަންޖެހޭ ވަގުތު. އަދި، މިއީ ބައިތުލްމަޤްދިސްއާއި މިނިވަން ދައުލަތެއް ޤާއިމުކުރުމާމެދު ފަލަސްޠީނުގެ ރައްޔިތުން ދައްކާ ވާހަކަތައް، ދުނިޔެއިން ކަނުލާ އަޑުއަހަންޖެހޭ ވަގުތު،" ރައީސް ވަހީދު ވިދާޅުވި އެވެ.