06 Jun 2013, 22:14
ރޯދަ މަހާ ދިމާކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ވިޔަފާރީގެ "އީދު"، ނައިޓް މާކެޓް، 720 މޭޒާ އެކު މިރޭ ހުޅުވައިފި އެވެ.
ގޯ މީޑިއާ މޯލްޑިވްސް އިން އިންތިޒާމު ކުރާ އެމާކެޓުގައި ރާޅުގަނޑު ސަރަހައްދުގެ "ޓަސްކަލޫސާ" އާއި ހަމައިން މޭޒުފަތި ދަމައިލި ގޮތަށް އަމީނީމަގުން ކުރީގެ ހައި ކޯޓް ކަންމައްޗާ ހަމައަށާއި ބޮޑުތަކުރުފާނު މަގުން ފަތާ ޓްރެކް ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑާ ހަމައަށް މޭޒްތައް އަތުރާލާފައިވެ އެވެ. މިރޭގެ ބާޒާރު ބަޑިބޭހުގެ ކުޅިވަރުތަކާ އެކު ހުޅުއްވައިދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލިމަނިކު (އަލިބެ) އެވެ.
ބާޒާރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލިބެ ވިދާޅުވީ މިފަހަރުގެ މާކެޓަކީ މާލޭގައި ބޭއްވޭ އެންމެ ގިނަ މޭޒް ހިމެނޭ މާކެޓް ކަމަށެވެ. އަދި އެމާކެޓްގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ތަފާތު މަސައްކަތްތައް ކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން މިފަހަރުގެ މާކެޓުގައި ވެސް ރެޑީ މޭޑް ޓެންޓްތައް ބޭނުންކުރަމުންދާ އިރު މިއަންނަ އަހަރުގެ މާކެޓުގައި މުޅިން ބޭނުން ކުރާނީ އެކަހަލަ ޓެންޓްތައް ކަމަށް ވިދާޅުވި އެވެ.
ނައިޓް މާކެޓް އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހަށް، ހަވީރު 4:00 އިން 12:00 އަށެވެ.
ނައިޓް މާކެޓް މިރޭ ފެށުނު ވަގުތުން ފެށިގެން ގިނަ އަދަދެއްގެ މީހުން ވަނީ އެ ބާޒާރަށް ޒިޔާރަތްކޮށް ވިޔަފާރިކޮށްފަ އެވެ. މިފަހަރުގެ މާކެޓުގައި ވެސް ގޭތެރެއަށް ބޭނުންވާ ސާމާނާއި އަންނައުނާއި ޒީނަތްތެރިވުމަށް ބޭނުންވާ ސާމާނުގެ އިތުރުން ބައެއް ދިވެހި އުފެއްދުންތަކާއި މޭވާ އާއި ތަފާތު ވައްތަރުގެ ކުޅޭ ސާމާނުތައް ވެސް ލިބެން އެބަހުއްޓެވެ. މީގެ އިތުރުން ތަފާތު ވައްތަރުގެ ދޫންޏާއި މަހުގެ އިތުރުން މޭވާގެ ބާވަތްތަކާއި އިލެކްޓޯނިކްސްގެ ގިނަ ސާމާނުތަކެއް ލިބެން އެބަހުއްޓެވެ. އަދި ހަތަރު ރެސްޓޯރެންޓާއި އިތުރު ފުޑް ކޯޓްތަކެއް ވެސް މިފަހަރުގެ މާކެޓުގައި ބައިވެރިވެ އެވެ.
މިރޭގެ މާކެޓަށް ޒިޔާރަތްކުރި ފަރާތްތަކުން ތަކެތީގެ އަގުތައް އާންމު ގޮތެއްގައި ބޮޑުކަމަށް ބުނާ އިރު ވިޔަފާރިވެރިން ބުނީ އާންމު ގޮތެއްގައި ހުރިހާ ވައްތަރެއްގެ ސާމާނެއް ވެސް އަގު ހެޔޮ ވާނެ ކަމަށެވެ.