މާލޭ ސަރަހައްދުގައި މިހާރު ކުނި އެ އަންދާ ގޮތަށް ކުނިއެންދުން ހުއްޓުވޭނޭ ނިޒާމެއް ގާއިމު ކުރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާނޭ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްމަތީން މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހާ އަދި ރާއްޖޭގެ ސްކައުޓް ހަރަކާތަށް 57 އަހަރު ފުރުމާ ގުޅިގެން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖޭގައި "ވޯލްޑް ސްކައުޓް އެންވަޔަރަންމަންޓް ޕްރޮގްރާމް" އިފްތިތާހު ކުރުމަށް މިއަދު ގުޅީފަޅުގައި ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން ފެއްޓި "ސްކައުޓް ފޮ ގްރީނާ ގުޅިފަޅު"ގެ ކެމްޕޭނުގައި ވާހަކަފުޅު ދައްކަވަމުން މަތީން ވިދާޅުވީ ރާއްޖޭގައި ކުނި ނައްތާލުމުގެ މަސައްކަތް ވީހާ ވެސް ރަނގަޅަކަށް ގެންދެވޭތޯ ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

"ސަރުކާރުން އިއްޔެ ވަނީ ކުންޏާ ބެހޭ ގަވާއިދު ތައާރަފް ކޮށްފައި. ކުނި އުފުލަން ޖެހޭ ގޮތާއި ކުނި ރައްކާ ކުރަންޖެހޭ ގޮތް ފަދަ ކަންތައް ހިމެނިފައިވޭ. ދެން ހަމަ އެގޮތަށް އެމިޝަންއާ ބެހޭ ސްޓޭންޑަޑެއް ތަޢާރަފް ކުރެވުނު،" މަތީނު ވިދާޅުވި އެވެ.

މަތީން ވިދާޅުވީ މިއަދު ތިލަފުޓަށް ވަޑައިގެން އެތަނުގެ މާހައުލު އޮތްގޮތް ފެނުމުން މިހާރު އެންވަޔަރަންމަންޓް މިނިސްޓްރީން އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ މަސައްކަތަކީ ކުނި އެންދުމުގައި މިހާރަށް ވުރެ ރަނގަޅު ގޮތެއް ހޯދުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ސަރުކާރުން ވަރަށް ބޮޑަށް އެބަ މަސައްކަތްކުރަން އޯޕަން ބާނިން ތިލަފުށީގައި ހުއްޓުވޭތޯ. ދެން މިއަދު މިތަނަށް އައިމާ މިތަން އޮތް ގޮތުން އަޅުގަނޑުމެންނަށް އެބަ އެނގޭ ހަގީގަތަށް ދަންނަވަންޏާ އިތުރު އެއްވެސް ކަމެއް ނުކޮށް އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައޭ މިކަން މިއޮތީ،" މަތީން ވިދާޅުވި އެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ތިޔަ ހުރިހާ ކުދިންގެ ކުރިމަތީގައި އެއްކަމަކަށް އަޒުމު ކަނޑައަޅާނަން. އެއީ އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ އިރާދަ ކުރެއްވިއްޔާ މިހިސާބުގައި އޯޕަން ބާނިން ހުއްޓާލެވޭނެ ގޮތެއް ހޯދުމަށް. އަޅުގަނޑު އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނަން މިކަން ނިމެންދެން،" މަތީން ވިދާޅުވި އެވެ.