06 Jun 2013, 21:39
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމަށް ހ. ލޮބީ ހުސައިން ހުމާމް އަހްމަދު އިއުތިރާފުވެފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން އޭނާ އަށް ފުލުހުން ބިރު ދައްކައިގެން ކަމަށް ބުނާ ވާހަކަތައް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ކުށްވެރިކުރައްވައިފި އެވެ.
ފުލުހުންގެ ވެބްސައިޓް މެދުވެރިކުރައްވާ ޕޮލިސް ކޮމިޝަނަރު ރިޔާޒް މިއަދު ދެއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އިއުތިރާފްވެފައި ވަނީ ޝަރީއަތުގެ މަޖިލީހުގައި ކަމަށާއި އަދި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އަށް އިއުތިރާފުވެފައި ވަނީ ވެސް އަދި ދައުވާ އަށް އިންކާރުކޮށްފައި ވަނީ ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ކަމަށެވެ.
"އޭނާ އިއުތިރާފުވީ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުގެ ކުރިމަތީގައި. ދެން އޭނާ އިއުތިރާފް ނުވާ ކަމަށް އިންކާރު ކުރާކަމަށް ބުނީ ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުއްޓައެއް ނޫންތޯ. އެ ނުވޭތޯ ފުލުހުން ބިރު ދެއްކި ކަމަކަށް. ހަމަ އެކަނި އިއުތިރާފުތޯވީ ފުލުހުން ބިރުދައްކައިގެން. އެހެންވީމާ ފުލުހުން ބިރު ދައްކައިގެން ކަމަށް ބުނެ ވާހަކަ ދައްކާ ކަމަށްވާ ނަމަ ދެއްކި ބިރެއް ވެސް އޮން ޖެހޭނެ،"
ކޮމިޝަނަރު ވިދާޅުވީ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ހުމާމް ކުށަށް އިއުތިރާފުވުމުގެ ކުރިން ވެސް އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ބޭއްވި ޝަރީއަތުގެ ބައްދަލުވުންތަކުގައި ވެސް އެކަން ހިނގާފައިވާ ގޮތް މަޖިލީހުގައި ކިޔާދީފައިވާ ކަމަށެވެ.
"އަފްރާޝީމް އަވަހާރަކޮށްލި މީހުންގެ މައްޗަށް ޝަރީއަތަށް ސާބިތުކުރެވޭ ވަރުގެ ހެކި ޝަރީއަތަށް ހުށަހެޅިފައިވާ ކަމަށް އަޅުގަނޑު ގަބޫލުކުރަން. ޝަރީއަތުގައި އޭނާ އެ އޮތީ އިއުތިރާފުން އެކަން ހިނގައި ދިޔަ ގޮތް ކިޔާދީފައި. ހަގީގަތަކީ އޭނާ އެ ވާހަކަ ދެއްކީ ހަމަ އެކަނި ޝަރީއުއީ މަރުހަލައަކު ނޫން. އޭގެ ކުރިން އޭނާގެ މުއްދަތު އިތުރުކުރަން ދިޔަ ބައްދަލުވުންތަކުގައި ވެސް ފަނޑިޔާރެއްގެ ކުރިމަތީގައި އެކަން ހިނގައި ދިޔަ ގޮތް ވަނީ ކިޔާދީފައި. އެހެންވީމާ އަޅުގަނޑަށް ޔަގީން މި ހުރިހާ ކަމެއް ބައްލަވާނެކަން،"
ކޮމިޝަނަރު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ކޮންމެވެސް ބޭނުން ވަނީ ހުމާމްގެ އިއުތިރާފް ނޫން ކަމަށާއި އެމީހުންގެ މައްޗަށް ކުށްސާބިތުވާ ވަރަށް ހެކި ހުށަހެޅިފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ބުނަމުން މިދަނީ މި މައްސަލަ ސާބިތުކުރުމަށް ބޭނުން ވަނީ ހަމަ އެކަނި ކޮންމެހެން ހުމާމް ބުނާ ވާހަކައެއް އެކަންޏެން ނޫނޭ. އަޅުގަނޑުމެނަށް ހުންނާނެ މި މައްސަލައިގައި ވަރަށް ގިނަ ހެކި. އިއްޔެ ޑޮކްޓަރުގެ ހެކިބަސް ނަންގަވައިފި. ޑޮކްޓަރުގެ ހެކި ބަހުން ވެސް ތަހްގީގަށް، ޝަރީއަތަށް ގިނަގުނަ މައުލޫމާތުތަކެއް ލިބިވަޑައިގެންފައިވާނެ. އަދި އެހެން ފަރާތެއްގެ ވިޓްނަސް ސްޓޭޓްމެންޓެއް ވަނީ ދީފައި. އޭނާ ވަނީ އޭނާ އަށް ފެނުނު މަންޒަރު ކިޔާދިފައި. އަދިހެން ވެސް ހެކިވެސް ހުންނާނެ ޝަރީއަތަށް ފޮނުވާފައި. ހަމަ އެއާ އެކު ޑީއެންއޭ އެވިޑެންސް ވެސް ހުންނާނެ ފޮނުވާފައި،"
ކޮމިޝަނަރު ވިދާޅުވީ އަފްރާޝީމްގެ އަވަހާރަކޮށްލި ހާދިސާގެ ތަހްގީގު ބައެއް ފަރާތްތަކުން ސިޔާސީ ކުރަމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ދިފާއީ ވަކީލުންން ވެސް ކުރައްވަން ޖެހޭނެ ކަމަކީ މުވައްސަސާގެ އަގުވައްޓާލުމަށް މަސައްކަތް ކުރުން ނޫން ކަމަށެވެ.
އަފްރާޝީމް އަވަހާރަ ކޮށްލިކަމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބޭ ހުމާމް ވަނީ ކުށަށް އިއުތިރާފުވުމަށް ފަހު ދައުވާއަށް އިންކާރުކޮށްފަ އެވެ.