06 Jun 2013, 21:31
ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ވީބީ އައްޑޫ އެފްސީ 2-0ން ބަލިކޮށް، އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އިން ވީބީ ސިއްސުވާލައިފި އެވެ.
މެޗު ފެށިއިރު އެންމެ ހަތް ޕޮއިންޓާއެކު ތާވަލުގެ ފުލުގައި އޮތް އޭވައިއެލް ވަނީ މިއަދުގެ މުޅި މެޗުގައިވެސް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން އެކުލަބުން ވީބީގެ ގޯލް ހުޅުވައިލީ މެޗުގެ 23 ވަނަ މިނިޓުގައި ހަސަން ސޮލާހް ކާމިޔާބުކޮށްދިން ލަނޑުން ނެވެ. އޭވައިއެލްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ 73 ވަނަ މިނިޓުގައި ބަހާޖަތު އަބްދުލް އަޒީޒު އެވެ.
މިއަދުގެ މެޗުން މޮޅުވުމުން އޭވައިއެލް ވަނީ 10 މެޗު ކުޅެގެން ލިބުނު 10 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނައަށް ކުރިއަށް ޖެހިލާފަ އެވެ. އަދި އެ މެޗުން ބަލިވުމުން ތިންފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައިވާ ވީބީ ވަނީ ތާވަލުގެ ފުލަށް ވެއްޓިފަ އެވެ.
މިހާތަނަށް ކޮންމެ ޓީމެއް 10 މެޗު ކުޅެފައިވާއިރު ލީގު ތާވަލުގެ ހަތް ވަނައިގައި 10 ޕޮއިންޓާއެކު އޮތީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. 12 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައި އޮތީ ބީޖީ ސްޕޯޓްސް އެވެ. އަދި 18 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި މާޒިޔާ އޮތް އިރު 15 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައި އޮތީ ކްލަބް ވެލެންސިޔާ އެވެ.
ދިވެހި ލީގުގައި ދެން މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަދުހު އެވެ. އެ މެޗުގައި ވާދަކުރާނީ 30 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތް ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބާއި 12 ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައި އޮތް ކްލަބް އީގަލްސް އެވެ.