06 Jun 2013, 21:29
ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ރާއްޖޭގައި "ވޯލްޑް ސްކައުޓް އެންވަޔަރަންމަންޓް ޕްރޮގްރާމް" (ޑަބްލިޔުއެސްއީޕީ) އިފްތިތާހުކޮށްފި އެވެ.
ރާއްޖޭގައި "ވޯލްޑް ސްކައުޓް އެންވަޔަރަންމަންޓް ޕްރޮގްރާމް" އިފްތިތާހު ކުރުން އޮތީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމާއި އަދި ރާއްޖޭގެ ސްކައުޓް ހަރަކާތަށް 57 އަހަރު ފުރުމާ ގުޅުވައިގެން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން މިއަދު ހަވީރު ގުޅިފަޅުގައި ބޭއްވި ހާއްސަ ޕްރޮގްރާމެއްގަ އެވެ.
އެ ޕްރޮގްރާމްގައި ސްކައުޓުންގެ އިތުރުން، މިނިސްޓަރު އޮފް ސްޓޭޓް ފޯ އެންވަރަމަންޓް އެންޑް އެނާޖީ އަބްދުލްމަތީން އަހްމަދާއި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޗީފް ކަމިޝަނާ އަހްމަދު އަލި މަނިކާއި ގުޅިފަޅު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުންގެންދާ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީގެ އިސްވެރިން ބައިވެރިވެ ވަޑައިގަތެވެ.
ރާއްޖޭގައި ވޯލްޑް ސްކައުޓް އެންވަޔަރަންމަންޓް ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ގޮތުން ސްކައުޓް އެސޯސިއޭޝަނުން ވަނީ މިއަދު ހަވީރު "ސްކައުޓް ފޮ ގްރީނާ ގުޅިފަޅު"ގެ ނަމުގައި ގުޅިފަޅުގައި ގަސް އިންދުމުގެ ކެމްޕޭނެއް ވެސް ފަށައިފަ އެވެ. އެ ކެމްޕެއިން ފައްޓަވައި ދެއްވީ އެންވަރަމަންޓް މިނިސްޓަރު އަބްދުލް މަތީން އެވެ.
މިއަދުގެ އެ ރަސްމިއްޔާތުގައި ބައިވެރިވި ސަރުކާރުގެ ބައެއް ވެރިންނާއި ޑަބްލިޔުއެސްއީޕީގެ ޕާޓްނަރުންނާއި ސްކައުޓް އެސޯސިއޭޝަންގެ ވެރިންނާއި ސްކައުޓް ލީޑަރުންނާއި ގިނަ އަދަދެއްގެ ސްކައުޓުން ވަނީ ގުޅިފަޅުގައި ގާތްގަނޑަކަށް 60 އަށް ވުރެ ގިނަ ދިވެހި ރުއް އިންދައިފަ އެވެ.
ވޯލްޑް ސްކައުޓް އެންވަޔަރަންމަންޓް ޕްރޮގްރާމަކީ ތިމާވެށީގެ ޢިލްމު އިތުރަށް ފުޅާކުރުމާއި ސްކައުޓުންގެ މެދުގައި ތިމާވެށީގެ ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރި ކުރުމަށް އަހަންމިއްޔަތުކަން ދިނުމަށް ދުނިޔޭގެ ފެންވަރުގައި ހިންގޭ ޕްރޮގްރާމެކެވެ.
ސްކައުޓް އެސޯސިއޭޝަނުން ބުނީ މުސްތަގުބަލުގައި ވެސް "ސްކައުޓް ފޮ ގްރީނާ ގުޅިފަޅު" ކެމްޕއިންގެ ދަށުން ގުޅިފަޅުގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނޭ ކަމަށެވެ.