30 Oct 2010, 11:28
އެމްޑީޕީގެ ވެރިކަމެއްގައި ރައީސުލްޖުމްހުރިއްޔާ އަކީ ޕާޓީގެ ސިޔާސީ އެންމެ އިސް ފަރާތް ކަމަށާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮންނަ އިރު ޕާލަމެންޓްރީ ގްރޫޕުގެ ރައީސަކީ، ޕާޓީގެ ސިޔާސީ އެންމެ އިސް ފަރާތްކަމަށް ހަމަޖެއްސުމަށް އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހު ފެއިލްކޮށްލައިފި އެވެ.
ދަރުބާރު ގޭގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ދެ ވަނަ ކޮންގްރެސްގައި އަސާސީ ގަވައިދަށް 12 އިސްލާހު ހުށަހެޅި އިރު، ޕާޓީގެ ބާރުތައް ބެހިގެންދާ ގޮތަށް ހުށަހެޅުނު ހަތަރު އިސްލާހެއް ވަނީ ފެއިލްކޮށްލައިފަ އެވެ.
ފެއިލްކޮށްލި މުހިއްމު އިސްލާހުތަކުގެ ތެރޭގައި ޕާޓީގެ ރައީސާއި ނާއިބު ރައީސްގެ މަގާމު އުވާލުމުގެ ގޮތުން، އަސާސީ ގަވާއިދަށް ގެންނަން ހުށަހެޅި އިސްލާހު ހިމެނެ އެވެ.
މި އިސްލާހްގައި ވަނީ "ޕާޓީގެ ރައީސްގެ މަގާމާއި، ނާއިބު ރައީސްގެ މަގާމު އުވާލުމަށް ހުށަހަޅަނީ ޕާޓީގެ އޮނިގަނޑަށް މިހާރު ގެނެވިފައިވާ ބަދަލާ އެކު އުފައްދާފައިވާ ރިޔާސީ ކެނޑިޑޭޓްގެ މަގާމަށް އިންތިހާބުވާ މެންބަރަކީ ޕާޓީގެ ފަރާތުން ގައުމުގެ ވެރިކަމަށް ކުރިމަތިލައްވާ ފަރާތްކަމަށް ވާހިނދު ރިޔާސީ ކެނޑިޑޭޓް އިންތިހާބު ވުމަށް ފަހު ރައީސްގެ މަސްއޫލިއްޔަތުތައް ނެތިދާތީ އާއި ޕާޓީ، ގައުމުގެ ވެރިކަމުގައި އޮންނައިރު ޕާޓީގެ ސިޔާސީ އެންމެ އިސް ފަރާތަކީ ގައުމުގެ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެމްޑީޕީ، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނަ އިރު ޕާޓީގެ ސިޔާސީ އެންމެ އިސް ފަރާތަކީ ޕާލަމެންޓްރީ ގްރޫޕުގެ ރައީސްކަމަށް ހަމަޖެއްސެވުމަށް."
އަދި ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާއެއް ތަމްސީލް ކުރާ ޕާޓީގެ މެންބަރުންނަކީ، އެ ދާއިރާގެ ރައީސުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ޕާޓީ ތަމްސީލް ނުކުރާ ދާއިރާތަކުގެ ރައީސުން ހޮވާނީ އެ ދާއިރާ އަށް ނިސްބަތްވާ މެންބަރުންގެ މެދުގައި ބާއްވާ އިންތިހާބަކުން ކަމަށް ހަމަޖައްސައި ދާއިރާގެ ރައީސް އިންތިހާބު ކުރެވިފައިވާ ދާއިރާއެއްގެ ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވާ މެންބަރަކު ޕާޓީއާ ގުޅިއްޖެ ނަމަ އެ މެންބަރަކީ އެ ދާއިރާގެ ރައީސްކަމަށް ހަމަޖައްސައި އިންތިހާބު ކޮށްފައިވާ ރައީސް މަގާމުން ވަކިވާގޮތަށް ހަމަޖެއްސުމަށް ހުށަހެޅި އިސްލާހް ވެސް ވަނީ ފެއިލްކޮށްލައިފަ އެވެ. މީގެ އިތުރުން ފެއިލްކޮށްލި އިސްލާހްތަކުގެ ތެރޭގައި، ޕާޓީގެ ގައުމީ ހިންގާ ކޮމިޓީ ބާރުވެރި ކުރުމަށް ހުށަހެޅި އިސްލާހް ހިމެނެ އެވެ.
އަސާސީ ގަވާއިދަށް ހުށަހެޅި އިސްލާހްތަކުގެ ތެރެއިން މުހިއްމު އިސްލާހްތަކެއް ވަނީ ފާސްވެފަ އެވެ. އޭގެ ތެރޭގައި، ޕާޓީގެ ޗެއާޕާސަންގެ ނާއިބު (މާލީ) އަދި ޗެއާޕާސަންގެ ނައިބު ( އިދާރީ) މަގާމު އުފެއްދުމަށް ހުށަހެޅި އިސްލާހާއި، ޕާޓީގެ ޕްރޮވިންސް ސެކްރެޓޭރިއެޓް އުފެއްދުމަށާއި އެމްޑީޕީގެ ޒުވާނުންގެ ހިތްވަރާއި އަންހެނުންގެ ރޫހު އުފެއްދުމަށް ހުށަހެޅި އިސްލާހް ވަނީ ވާސްވެފަ އެވެ. އެ ގަވާއިދަށް ގެންނަން ހުށަހެޅި އިސްލާހް ހިމެނެ އެވެ.