06 Jun 2013, 18:30
ފުލުހެއްގެ ކަންފަތްމަތީ ޖެހި މީހަކާ ދެކޮޅަށް ދައުލަތުން ކުރި ދައުވާއާ ގުޅިގެން ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް އެކި ފަރާތްތަކުން ފާޑު ކިޔަމުންދާތީ ކްރިމިނަލް ކޯޓުން އެ ވާހަކަތަކަށް ރައްދު ދީފި އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޓުގެ މީޑިޔާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ފުލުހެއްގެ ކަންފަތްމަތީ ޖަހައި އެ ފުލުސް މީހާގެ ކަންފަތް ބީރު ކޮށްލުމުން ކޮށްފައިވާ ހުކުމަކީ 3000 ރުފިޔާގެ ޖޫރިމަނާއެއް ކަމަށް ބުނެ އެ ހުކުމަށް ފާޑުކިޔަމުންދާ އިރު ފުލުހުން މީހާ ފުލުހުނަށް ދީފައިވާ ބަޔާނުގައި އޭނާގެ ކަންފަތްމަތީގައި އިހްސާން ރަޝީދު ކިޔާ މީހަކު ޖެހި ކަމަށް ބުނި ނަމަވެސް ޝަރީއަތުގައި ބުނެފައި ވަނީ އިހްސާން އަތުން ޖެހުނީ ކަމަށް ކަމުގަ އެވެ.
"ބަލާލަމާ ހިނގާ އަނިޔާލިބުނު މީހާގެ [ކޯޓުގައި ދެއްކި] ވާހަކަތަކަށް ހުރިހާ ވާހަކަތަކެއްގައި ވެސް މި ބުނަނީ މަޅާލި އަތުން އަޅުގަނޑުގެ ކަންފަތްމަތީ ޖެހުނީ ކަމަށް. ނޫނީއްޔާ އެނބުރިލަތަނުން ގްރޫޕް މީހާ ކައިރިއަށް ދަނިކޮށް ޖެހުނީ. މުޅިން ވެސް ޖެހުނީ. މިބަޔާން [ކޯޓުގައި ދީފައިވާ]. މި މައްސަލައިގައި ޖެހިކަމަށް އިންކާރު ކުރަނީ އަނެއް ފަރާތުން ޖެހި ކަމަށް ގަބޫލު ނުކުރާ ހިނދަކު ގާޒީއަކަށް ކުރެވޭނެ ކަމެއް ނޯންނާނެ. ގާޒީން ދެ ފަރާތުން ވެސް ދައްކާ ވާހަކަތަކަށް ބެލުމަށް ފަހު ހުކުމް ކުރާނީ،"
މަނިކު ވިދާޅުވީ ފުލުސް މީހާގެ ކަންފަތް ބީރުވެފައިވާ ކަމަށް ދައުވާގައި ބުނި ނަމަވެސް ޝަރީއަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ޑޮކްޓަރުގެ ލިޔެކިއުންތަކުން ވެސް އެކަން ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.
"ކަންފަތްމަތީ ޖެހުމުން ކަންފަތް ބީރުވެ އެ ވަރަށް ބީރު ހަލާކުވެ ދިޔަ ކަމެއް ސާބިތުކޮށެއް ނުދެވުނު. މައްސަލައިގައި ތަކުރާރުކޮށް ސުވާލުކުރުމުން ވެސް މި ބުނަނީ އެނބުރުނު ތަނުން އިހްސާން ރަޝީދު އަތުން ޖެހުނީއޭ،"
ފުލުހެއްގެ ކަންފަތް މަތީ ޖެހުމުން އިހްސާނުއްދީންގެ މައްޗަށް ކުރި ދައުވާ އަކީ "ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާދިނުމުގެ ކުށުގެ ދައުވާ" އެވެ. އެެ ދައުވާ ސާބިތުވުމުން އޭނާއަށް އައީ 3000ރ. ގެ ޖޫރިމަނާގެ ހުކުމެކެވެ.
އެ ކުށަށް ގާނޫނުގައި އޮތް އެންމެ ބޮޑު އަދަބަކީ ހަ މަސް ދުވަހަށް ޖަލަށް ލުމާއެކު 12000ރ. އިން ޖޫރިމަނާ ކުރުމެވެ.
ނަމަވެސް އެ ހުކުމާއި ގުޅުގެން ޕޮލިސް ކޮމިޝަނާ އަބްދުﷲ ރިޔާޒް ވަނީ ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ކޮމިޝަނާ ދެއްކެވި ވާހަކައިގެ ރިކޯޑިންނެއް އިއްވާފަ އެވެ.
"ހަމަ އެއާކު އެމީހުނަށް ލިބެން ޖެހޭ އަދަބެއް ނުލިބޭކަން. މިހާރު ވެސް މި ފުރުސަތުގައި ފާހަގަކުރަން އެބަތިބި ފުލުހެއްގެ ކަންފަތްމަތީ ޖެހިޖެހީނުން ކަންފަތަށް އަޑުނިވޭ ފުލުހަކު. ޑިއުޓީގައި ހުއްޓައި. އެ މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ ކުރުމުން އެމީހަށް އައި އަދަބަކީ 3000. ރުފިޔާ އިން ޖޫރިމަނާ. މިހިރީ،" ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ދެއްކި ވާހަކައިގައި ވިދާޅުވެފަވެ އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން މަނިކު ވިދާޅުވީ އޭނާގެ ކަންފަތަށް ލިބުނު ގެއްލުންތައް ކޯޓުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.