މީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމަށް ދަށު ކޯޓުތަކުން ކުރާ ހުކުމް ސްޕްރީމް ކޯޓުން ދަމަހައްޓައިފި ނަމަ، އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ދޭންޖެހޭނީ ދަންޖައްސައިގެން ކަމަށް ކަނޑައަޅައި، މަޖިލީހަށް ބިލެއް ވައްދައިފި އެވެ.

އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒު ކުރަން ޖެހޭ ގޮތަށް ސަރުކާރުން އެކުލަވާލައިފައިވާ ބިލުގެ ޑްރާފްޓް އާންމުގެ ހިޔާލަށް ހުޅުވާލާފައި ވަނިކޮށް، "މަރުގެ ހުކުމް ތަންފީޒު ކުރުމުގެ ބިލެއް" މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ.

ބިލް ހުށަހެޅުއްވި ސަބަބެއް ކަމަށް ރިޔާޒު ވިދާޅުވީ ކޯޓުތަކުން މަރުގެ އަދަބު ކަނޑައަޅަމުންދާ އިރު، މަރުގެ އަދަބު ތަންފީޒު ކުރާނެ ގޮތެއް ރާއްޖޭގައި ނެތް ކަމަށާއި މަރުގެ އަދަބު ތަންފީޒުކޮށްގެން ރާއްޖޭގައި އާންމުވެފައިވާ މީހުން މެރުމުގެ މައްސަލަތައް ހުއްޓުވުމަށް ގެނައުމުގެ ބޭނުމުގައި އެ ބިލް ހުށަހެޅުއްވީ ކަމަށެވެ.

ބިލުގައިވާ ގޮތުން މަރުގެ ހުކުމެއްގެ އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާ ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ދަމަހައްޓައިފި ނަމަ ހުކުމް ކުރާތާ 45 ދުވަހު ތެރޭގައު އެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރަންވާނެ ކަމަށެވެ. ދަންޖައްސާ މީހާ އަށް ހައްގުތަކެއް ލިބިގެންވާ ކަމަށް ބިލުގައި ބުނެ އެވެ. އެއީ އެމީހަކު ދަންޖެއްސުމުގެ ކުރިން އެ މީހެއްގެ އާއިލާއާއި ބައްދަލުކޮށް ބުނަން ބޭނުންވާ އެއްޗެއް ބުނުމާއި ކުރަން ބޭނުންވާ ވަސިއްޔަތެއް ކުރުމުގެ ފުރުސަތު އެ މީހަކަށް ދެވޭނެ ކަމަށް ބިލުގައިވެ އެވެ.

މީހަކު ދަންޖައްސައި، މަރަން ވާނީ ވަކި ބައެއްގެ ހާޒިރުގައި ކަމަށް ބިލުގައި ބުނެ އެވެ. އެއީ ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެޕިލިޓޭޝަން ސާވިސް (ޑީޕީއާރްއެސް)އިން ކަނޑައަޅާ ޑޮކްޓަރަކާއި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކީލަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރެއްގެ އިތުރުން ދަންޖައްސާ މީހާގެ ވާރިސެކެވެ. ދަންޖައްސާ އިރު ވާސިރު އެތަނަށް ހާޒިރުވުމަކީ އިހްތިޔާރީ ކަމެއް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

ދަންޖެއްސުމުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރަންޖެހޭ ހާލަތްތައް ވެސް ބިލުގައި ބަޔާންކުރެ އެވެ. އެއީ އުމުރުން 18 އަހަރު ނުވާ ކުޑަކުއްޖެއްގެ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްގެން ނުވާނެ ކަަމަށާއި އެ ކުއްޖާގެ މައްޗަށް މަރުގެ އަދަބު ދޭންޖެހޭނީ އުމުރުން 18 އަހަރު ވުމުން ކަަމަށް ބިލުގައި ބުނެ އެވެ.

ދަންޖައްސައި މަރަންޖެހޭ މީހާއަކީ މާބަނޑު އަންހެނެއް ނަމަ އޭނާ ވިހައި ގަދަވެ، ދަރިފުޅަށް ދެ އަހަރު ފުރުމުން އެ މީހާގެ މައްޗަށް މަރުގެ އަދަބު ދޭންޖެހޭނެ ކަމަށް ބިލުގައިބުނެ އެވެ. އަދި ބުއްދި ހަމަނުޖެހޭ މީހެއްގެ މައްޗަށް މަރުގެ އަދަބު ނުދެވޭނެ ކަމަށާއި އޭނާ އަށް އެ އަދަބު ދެވޭނީ ބުއްދި ހަމަޖެހުމުން ކަމަށާއި ބަލި ހާލަތު ގޯސް ނަމަ، ބަލި ރަނގަޅުވެ، ގަދަވުމަށްފަހުގައި މެނުވީ މަރުގެ ހުކުމް އެ މީހެއްގެ މައްޗަށް ތަންފީޒުކޮށްގެން ނުވާނެ ކަމަށް ބިލުގައިބުނެ އެވެ.