މިހާރު ކަނޑުން ފެންނަ ބިޔަރު ދަޅުތަކަކީ މާލެ ކޮމާޝަލް ހާބަރުން ފުރައިގެން ހުޅުލޭގައި ހުންނަ ބޮންޑެޑް ވެއާހައުސް އަށް ދަތުރުކުރި ސަޕްލައި ދޯންޏެއް އަރިއަޅާލުމުގެ ސަބަބުން އެ ދޯނީން ގެންދިޔަ ގިނަ ޢަދަދެއްގެ ބިޔަރު ދަޅުތަކެއް ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ފުލުހުން ބުނެފައި ވަނީ 14،000 އަށް ވުރެ ގިނަ ބިޔަރު ދަޅު ކަނޑުން ނަގާފައިވާ ކަމަށެވެ.

ކަސްޓަމްސް އިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ މި ހާދިސާ ހިނގީ ބަނގުރާ އަދި ބަނގުރާ އެކުލެވޭ ބާވަތްތައް އެތެރެކުރުމަށް ދޫކޮށްފައިވާ ހުއްދައިގެ ދަށުން ރިސޯޓެއްގައި ބޭނުން ކުރުމަށް ރާއްޖެ އެތެރެކުރި ޝިޕްމެންޓެއް ކަސްޓަމްސްގެ އެގްޒެމިނޭޝަން ޕްރޮސީޖާ ފުރިހަމަކުރުމަށް ފަހު ހުޅުލޭގައި ހުންނަ ބޮންޑެޑް ވެއާހައުސްގައި ބޮންޑްކުރުމަށް ސަޕްލައި ދޯންޏެއްގައި ގެންދަނިކޮށް ހުޅުލެއަށް ދިޔަ މަގުމަތީ ކަނޑުގަދަވެ، އެތަކެތި ބަރުކޮށްފައި ހުރި ދެ ދޯނިންކުރެ އެއް ދޯނި އަރިއަޅާލުމުގެ ސަބަބުން ކަމަށެވެ.

އަދި އެ ހާދިސާ ދިމާވުމާ އެކު ން ދޯނީގައި ހުރި ކަސްޓަމްސްގެ އޮފިސަރު ކޭސްތައް ގުނައި، ދޯންޏަށް އެރުވި ޢަދަދުން މަދުވާ 800 ކޭސް (19,200 ދަޅު)ގެ މަޢުލޫމާތު ފުލުހުންގެ ސަމާލުކަމަށް ވަގުތުން ގެނެސްފައިވާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެ އެވެ. އަދި އެވަގުތުން ފެށިގެން އެތަކެތި ނެގުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުން އަންނަ ކަމަށް ކަސްޓަމސް އިން ބުނެ އެވެ.