06 Jun 2013, 17:04
އިންޑިޔާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ހަނދާނުގައި އިންޑިޔާ ސަރުކާރުން އިމާރާތްކޮށްދީފައިވާ ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ބޮޑުކޮށް، އިތުރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަޖީވް ޝަހާރޭ ވިދާޅުވެއްޖެ އެވެ.
ގްލޯބަލް ހޮސްޕިޓަލްސް ގްރޫޕާއި އޭއެމްޑީސީ ގުޅިގެން އިއްޔެ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ހަފްލާއެއްގައި ރާއްޖެއާއި އިންޑިޔާގެ ގުޅުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝަހާރޭ ވިދާޅުވީ، ރާއްޖޭގެ ސިއްހީދާއިރާ އަށް އިންޑިޔާ ސަރުކާރުން ވެދެއްވާފައިވާ އެންމެ ފާހަގަ ކޮށްލެވޭ އެހީ ކަމަށްވާ އައިޖީއެމްއެޗް ބޮޑުކޮށް، އިތުރަށް ތަރަށްގީ ކުރުމަށް އިންޑިޔާ ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވޭ އައިޖީއެމްއެޗް ބޮޑުކޮށް، އިތުރަށް ތަރައްގީ ކުރަން. މިއީކީ އެއްގޮތަކަށް ވެސް ގްލޯބަލް ހޮސްޕިޓަލްސްއާ ވާދަކުރުމަށް ކުރާ ކަމެއް ނޫން. އެކަމަކު އެ ހޮސްޕިޓަލްގައި ދެވޭ ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ކުރާ ކަމެއް،" ޝަހާރޭ ވިދާޅުވި އެވެ.
ޝަހާރޭ ވިދާޅުވީ އައިޖީއެމްއެޗުގައި މިހާރު ލިބެން ނެތް ބައެއް ހިދުމަތްތައް އެތަނުން ލިބޭނޭ ގޮތް ހެދުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެތަނުގައި ލިބެން ނެތް ބައެއް ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ނިންމާފައި ކަމަށާއި އޭގެތެރޭގައި ހިތުގެ ބައްޔާއި އަދިވެސް އެފަދަ ބައެއް ބަލިތަކަށް އައިޖީއެމްއެޗްގައި ޓެސްޓްތައް ހެދޭނޭ ފަދަ ޒަމާނީ ވަސީލަތްތައް އެތަނުގައި ގާއިމު ކުރުމަށް އިންޑިޔާ އިން ބޭނުންވާ ކަމަށެވެ.
މީގެ 15 ވަރަކަށް އަހަރު ކުރިން އިމާރާތްކުރި ހޮސްޕިޓަލުގައި މިހާރު ވެސް ދަނީ ސަރުކާރުން 11 ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ.