ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދިނުމަށް އެދި 700 އަށް ވުރެ ގިނަ ފުލުހުން އެދިފައިވާ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ގިނަ އަދަދެއްގެ ފުލުހުން ތުނބުޅި ބެހެއްޓުމަށް އެދެމުންދާ ކަމަށާއި އެގޮތުން ތުނބުޅި ބަހައްޓަން ބޭނުންވާ ފުލުހުން އެޗްއާރަށް ފޯމެއް ހުށަހެޅުމުން ސްލިޕެއް ދޫކުރާނެ ކަމަށެވެ.

އަދި ފުލުސް މީހާ ތުނބުޅި ބަހައްޓާ ހިސާބުން ފެށިގެން ޕޮލިސް ކާޑުގެ ފޮޓޯ ބަދަލުކުރެވެންދެން ފުލުހުން ދާ ކޮންމެ ތަނަކަށް އެ ސްލިޕް ހިފައިގެން ދާން ޖެހޭނެ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފޝަލު ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ ތުނބުޅި ބެހެއްޓުމަށް ފަހު ތުނބުޅި ބާލާފައި ބަހައްޓަން އަނެއްކާ ވެސް އެމީހާ ބޭނުން ވެއްޖެ ނަމަ ޖެހޭނީ އެޗްއާރަށް އަންގަން ކަމަށެވެ.

ފުލުހުންގެ ޔުނިފޯމާ ބެހޭ ގަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހު ބުނާ ގޮތުން މަތިމަސް ބަހައްޓަން ބޭނުންވެގެން އެދޭ ފުލުހުންނަށް މަތިމަސް ދިގު ކުރުމަށް މުވައްޒަފަށް ދޭނެ މުއްދަތާ ޕޮލިސް އައިޑީ ކަޑު ހެދުމަށް ފޮޓޯ ނަގަން ހާޒިރުވާން ޖެހޭ ދުވަސް، މަތިމަސް ބަހައްޓަން ބޭނުންވެގެން ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭ އެ މުވައްޒަފަކަށް ލިޔުމުން އަންގަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ލިޔުމުގައި ކަނޑައަޅާފައިވާ ތާރީޚުގައި ފޮޓޯ ނަގަން މުވައްޒަފު ހާޒިރުވާންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެގަވާއިދުގައި ބުނާ ގޮތުން މަތިމަސް އެންމެ ދިގު ކުރެވޭނީ 10 މިލިމީޓަރަށެވެ. އަދި ތުނބުޅި ބަހައްޓާ ނަމަ މަތިމަސް ބަހައްޓަންވާނެ ކަމަށް ވެސް ފުލުހުންގެ ޔުނިފޯމު ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ތުނބުޅި ދިގު ކުރެވޭނީ 20 މިލިމީޓަރަށް ކަމަށް ވެސް އެގަވާއިދުގައި ބުނެފައިވެ އެވެ.