ސްނޯކްލިންއަށް ގޮސް އުޅެނިކޮށް، މަރުވެގެން ކ. ދިއްފުއްޓަށް ލެއްގި އެމަރިކާގެ މީހާގެ ހަށިގަނޑު މާލެ ގެނެސް، ގަލޮޅު ސަހަރާގެ ފިނިކޮށާރަށް ލައިފި އެވެ.

އިއްޔެ މެންދުރު 1:15 ހާއިރު ދިއްފުއްޓަށް ލައްގާފައި އޮއްވާ ފެނުނު އިންސާނެއްގެ ހަށިގަނޑަކީ މީރު އައިލޭންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށް ގެއްލިގެން ހޯދި އުމުރުން 36 ގެ މީހާ އެވެ.

ދިއްފުށިން ބުނެފައި ވަނީ ސޯޓެއްލައިގެން އޮތް އެ މީހާ ފެނުނު އިރުވެސް އޮތީ މާސްކެއް އަޅައިގެން ކަމަށާއި ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ޒަހަމެއް ފެންނަން ނެތް ކަމަށެވެ.

ފަހަކަށް އައިސް ރިސޯޓުތަކުން ސްނޯކްލިން އަށް ނުވަތަ ޑައިވިންއަށް ގޮސް އުޅެނިކޮށް މަރުވާ ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ.