ތުއްތު ދަރިފުޅުގެ ލެއިން މަސްތުވާތަކެތި ފެނުމުން މަންމަގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.

ކ.ގުރައިދޫ ސައިމާގެ، ހައުލާ މުހައްމަދު 23ގެ މައްޗަށް ދައުވާ ކުރަން ޕީޖީ ފޮނުވީ އޭނާ ވިހެއި ދަރިފުޅުގެ ހަށިގަނޑަށް މަސްތުވާތަކެތި އެތެރެވެފައި ވަނީ މަންމަގެ އިހްމާލުވި ކަމަށް ތުހުމަތުކޮށެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލުގައި ހައުލާ މުހައްމަދު ވިހާފައިވާ ތުއްތު ކުއްޖާގެ ބްލަޑް ސާމްޕަލް ނަގައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ބެންޒޯޑައިޒީޕައިން އަށް ޕްޒިޓިވްވެފައިވާ ކަމަށެވެ.

އެ ކުއްޖާއާބެހޭ ސިއްހީ ހާލަތާ ބެހޭ އެއްވެސް ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ދަރިފުޅަށް އިހުމާލުވި ކަމުގެ މައްސަލައިގައި ހައުލާގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ.