06 Jun 2013, 14:50
ހަތަރު އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ގައުމީ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް އަނެއްކާ ވެސް މިއަހަރުން ފެށިގެން ފައިސާގެ އިނާމު ދޭން ހަމަޖައްސާފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއެމްއޭ) އިން ބުނެފި އެވެ.
"ސަން"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން މުހައްމަދު ވިދާޅުވީ ކުރިން ގައުމީ މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ދެމުން ގެންދިޔަ ފައިސާގެ އިނާމް، ސަރުކާން ވަނީ 2008 ވަނަ އަހަރުގެ މުބާރާތައްފަހު ހުއްޓާލާފައި ކަމަށެވެ.
"ގައުމީ ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް ކުރިން ފައިސާގެ އިނާމް ދެމުން ގެންދިޔައީ. އެހެން ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން ސަރުކާރުން ދެއްވަމުން ގެންދެވި ފައިސާގެ އެހީ ހުއްޓަވާލައްވާފައިވާތީ، އެ މުބާރާތަށް ފައިސާގެ އިނާމް ދިނުންވަނީ ހުއްޓާލާފައި،" ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ ގައުމީ މުބާރާތުގައި ބައިވެރިވާ ޓީމުތަކަށް އަލުން ފައިސާގެ އިނާމް ދިނުމަށް މިއަހަރު ފަށާއިރު، ވީއޭއެމްއިން ނިންމާފައިވަނީ 150،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅުމަށް ކަމަށާއި އަދި މުބާރާތުގެ ފިރިހެން ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ ލިބޭނޭ ކަމަށެވެ.
"އަލުން މިކަން ފަށައިގަންނަ އިރު އަޅުގަނޑުމެންގެ އެގްޒެކެޓިވް ކޮމިޓީން ނިންމާފައި މިވަނީ ޖުމުލަ 150،000 ރުފިޔާގެ ފައިސާގެ އިނާމް ޕެކޭޖެއް ހުށަހަޅަން. ދެން އެ ޕެކޭޖު މުބާރާތުގައި ބައިވެރިވާ ހުރިހާ ކުލަބު ތަކަކަށް ހަމަޖެހިފައިިވާ އުސޫލަކުން ދޭނީ. އެގޮތުން ގައުމީ މުބާރާތުގައި ބައިވެރިވާ ހުރިހާ ކުލަބުތަކަށްވެސް ކޮންމެ ވެސް ވަރެއްގެ ފައިސާގެ އެހީއެއް ލިބޭނެ. އަދި ޗެމްޕިއަން ކުލަބަށް 50000 ރުފިޔާ ލިބޭނެ،" ހުސެއިން ވިދާޅުވި އެވެ.
ވޮލީބޯލް އެސޯސިއޭޝަނުން ބުނީ ގައުމީ މުބާރާތަށް ފައިސާގެ އިނާމު އަލުން ދޭން ފަށާއިރު އެ އިދާރާގެ އެކްސްކޯއިން ނިންމާފައި ވަނީ 150000 ރުފިޔާގެ ފައިސާގެ ޕެކޭޖް މުބާރާތުގައި ބައިވެރިވާ އަންހެން ޓީމުތައްވެސް ހިމެނޭ ގޮތަށް ދިނުމަށް ކަމަށެވެ. އެގޮތުން އަންހެން ޗެމްޕިއަން އަދި ރަނަރަޕް ޓީމަށްވެސް ފައިސާގެ އިނާމް ލިބޭނޭ ކަމަށެވެ.