30 Oct 2010, 10:19
އަނިޔާވެރި އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރާ އދ.ގެ ގޮނޑި އަކަށް ގާޒީ އައިޝަތު ޝުޖޫން އިންތިހާބުކޮށްފި އެވެ.
ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވީ ހަތަރު އަހަރު ދުވަހަށް ޝުޖޫން އެ މަގާމަށް ހޮވުނީ ބުރާސްފަތި ދުވަހު ޖެނީވާގައި އޮތް އިންތިހާބެއްގައި ވޯޓްދިން 55 ގައުމުގެ ތެރެއިން 36 ގައުމެއްގެ ވޯޓު ލިބިގެން ކަމަށެވެ.
ޑރ. ޝަހީދު ވިދާޅުވީ އިންސާނިއްޔަތާ ހިލާފު ދަށު ދަރަޖައިގެ އަމަލުތައް ހުއްޓުވޭނެ ގޮތްތައް ގާއިމު ކުރުމަށް މަސައްކަތް ކޮމެޓީ އަށް ޝުޖޫން ހޮވުނީ، ފޮރިން މިނިސްޓްރީން ކުރި އިއުލާނަކާ ގުޅިގެން ހަމައެކަނި ރާއްޖެ އިން ކުރިމަތި ލެއްވީ ޝުޖޫން ކަމަށް ވެފައި ޝުޖޫން ނަން ހުށަހެޅުއްވުން ކެމްޕޭން ކުރައްވައި އަދި އިންތިހާބުގައި ވާދަކުރައްވައިގެން ކަމަށެވެ.
ޝުޖޫން މިއަދު ވިދާޅުވީ "ކޮންވެޝަން އެގެއިންސްޓް ޓޯޗާ"ގެ އޮފްޝަނަލް ޕްރޮޓްކޯލް ރެޓިފައިކޮށްފައިވާ 55 ގައުމުގައި ހިންގާ އަނިޔާވެރި އަމަލުތައް ބެއްލެވުމަށް ވަޑައިގަންނަވަން ޖެހޭނީ އަހަރަކު އެއް ފަހަރު ނޫނީ ދެ އަހަރުން އެއް އަހަރު ޔޫއެން އިން ކަޑައަޅާ ގޮތެއްގެ މަތީން ކަމަށެވެ.
"މިޝަންތަކާއި ޓްރޭނިން އަށް ދާން ޖެހޭނީ، އެހެންނޫނީ ހުންނަން ޖެހޭނީ ރާއްޖޭގައި،" ޝުޖޫން ވިދާޅުވި އެވެ.
ޑރ. ޝަހީދު ވިދާޅުވީ އެ ކޮންވެޝަން ރެޓިފައިކޮށްފައިވާ 55 ގައުމަކީ ޔޫރަޕާއި ލެޓިން އެމެރިކާގެ ގައުމުތަކާއި އެފްރިކާގެ ބައެއް ގައުމުތައް ކަމަށް ވުމާއެކު ޝުޖޫން މިޝަންތަކުގައި ވަޑައިގަންނަވަން ޖެހޭނީ އެ ގައުމުތަކަށް ކަމަށެވެ.