ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރެއްގެ ހައިސިއްޔަތުން މަގާމުގައި ދެމިހުރުމާ މެދު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަކި ގޮތެއް ނިންމަވައި އެކަން އަންގަވައިފި ނަމަ "އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނެ" ކަމަށް މަޖިލީހުން ފާސްކޮށްގެން ސީއެސްސީގެ މެންބަރުކަމުން ދުރުކުރި މުހައްމަދު ފަހުމީ ހަސަން ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބު އައިޝަތު ބިޝާމަށް ފަހުމީ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކުރީގެ ބަންޑާރަނައިބު ކަމުގެ މަގާމުގައި ހުންނެވި އާޒިމާ ޝަކޫރު އާއި އަދި މިހާރު ބަންޑާރަނައިބު ކަމުގެ މަގާމުގައި ހުންނެވި ބިޝާމް ވެސް ފަރުދީ ހައިސިއްޔަތުން އޭނާގެ މަގާމުގެ ހައިސިއްޔަތާ ގުޅޭ ގޮތުން ގާނޫނީ ލަފާ ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަން މީޑިއާ މެދުވެރިކޮށް ވެސް ކުރައްވަމުން ގެންދަވާ ކަމަށާއި އެކަން އެހެން ކުރުމުގެ އެއްވެސް ގާނޫނީ ހައިސިއްތެއް ބަންޑާރަނައިބަށް ލިބިގެންވާނުވާ ކަމަށް ފަހުމީ ވިދާޅުވެފައިވެ އެވެ. ސުޕްރީމް ކޯޓުން ކުރާ ހުކުމަކަށް ނުވަތަ ނިންމާ ނިންމުމަކަށް އެއް ފަރާތަކުން ފާޑުކިޔައި ގާނޫނީ ލަފާ ނެރުއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން އަންގާފައިވާކަން ފަހުމީގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ސުޕްރީމް ކޯޓަށް އަޅުގަނޑު ހުށަހެޅި މައްސަލާގައި ކޮށްފައިވާ ހުކުމަކީ ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމަކަށްވާ އިރު އަޅުގަނޑު ވަޒީފާ އަށް ނިކުތުމާ މެދު ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރީއްޔާ ވަކި ގޮތެއް ނިންމަފައި އެކަން އަޅުގަނޑަށް އަންގައިފި ނަމަ އަޅުގަނޑު އަމަލު ކުރާނެ ގޮތެއް ކަނޑައަޅާނަމެވެ. ކުރިން ވެސް ދެންނެވި ފަދައިން ދައުލަތުގެ ބަންޑާރަނައިބަކީ މި މައްސަލާގައި އަޅުގަނޑަށް ފަރުދީ ގޮތުން ވަކި ގޮތެއް އެންގެވޭނެ ގާނޫނީ ހައިސިއްޔަތު އޮތް ބޭފުޅެއް ކަމަކަށް އަޅުގަނޑު ނުދެކެމެވެ،" ފަހުމީ ބިޝާމަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

ފަހުމީގެ ސިޓީއާ ގުޅިގެން މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ބަންޑާރަ ނައިބް އަައިޝަތު ބިޝާމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފަހުމީ ވަކި ކުރުމާ ގުޅިގެން ވެސް އަދި ފަހުމީގެ މައްސަލާގައި ސުޕްރީމް ކޯޓުންކޮށްފައިވާ ހުކުމާ ގުޅޭ ގޮތުން ވެސް އަމިއްލަ ހައިސިއްޔަތުން އެއްވެސް އެއްޗެއް ދަންނަވާފައި ނުވާނެ ކަމަށެވެ. އަދި މީޑިއާތަކަށް ދެއްވާފައިވާ އިންޓަވިއުތައް ވެސް ދެއްވާފައި ވާނީ ކުރީގެ ބަންޑާރަނައިބު އެ މައްސަލާގައި ދެއްވާފައިވާ ގާނޫނީ ލަފަޔާއާ ގުޅޭގޮތުން ކަމަށް ބިޝާމް ވިދާޅުވި އެވެ.

"އަޅުގަނޑު މީޑިއާގައި ފަހުމީއާ ގުޅޭ ގޮތުން ވަކި ސްޓޭޓްމެންޓެއް މޭކެއް ނުކުރަން. އަޅުގަނޑު މީޑިޢާގައި ވާހަކަ ދައްކާފައި ވާނީ ކުރީގެ ބަންޑާރަނައިބް އާޒިމާ ދެއްވި ގާނޫނީ ލަފާއާ ގުޅޭ ގޮތުން. ގާނޫނީލަފާގެ ކޮންޓެންޓާ ގުޅޭ ގޮތުން އަޅުގަނޑު މީޑިއާގައި ވާހަކަ ދައްކާފައި ވާނީ،" ބިޝާމް ވިދާޅުވި އެވެ.

ބިޝާމް ވިދާޅުވީ އޭނާ ބަންޑާރަނައިބް ކަމުގެ މަގާމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ވެސް ފަހުމީގެ މައްސަލާގައި ރައީސް ވަހީދާ މަޝްވަރާ ކުރެއްވި ކަމަށެވެ.

ފަހުމީ އޭނޭގެ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ އެ މަގާމުގައި ހުންނަވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އަދި އޭނާ އަލުން އޮފީހަށް ނިކުންނެވުމުގެ ކުރިން ތަފާތު އެކި ގާނޫނީ ވަކީލުންނާ މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ކުރީގެ ބަންޑާރަނައިބް ކަމުގެ މަގާމުގައި ހުންވި އާޒިމާ އާއި ކުރީގެ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދާ އެކު ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހު ނޫން އޭގެ އަނެއް ދުވަހު މަޝްވާ ކުރެއްވި ކަމަށެވެ. އަދި އެ ދެބޭފުޅުން އޭނާ އެ މަގާމުގައި ހުރުމަށް ގާނޫނީ ގޮތުން އެއްވެސް ހުރައެއް ނެތް ކަމަށް ވިދާޅުވި ކަމަށެވެ. އަދި އޭނާ އޮފީހަށް ނިކުންނެވީ ރަސްމީ ގޮތުން ފުރިހަމަ ކުރައްވަން ޖެހޭ ހުރިހައި ކަމެއް ފުރިހަ ކުރެއްވުމަށް ފަހުގައި ކަމަށް ފަހުމީގެ ސިޓީގެ ބުނެފައިވެ އެވެ.

ފަހުމީގެ ސިޓީއާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބް އަދި ޖެންޑާ މިނިސްޓަރު އާޒިމާ ޝަކޫރް ވިދާޅުވީ ފަހުމީ އަށް އެ ސިޓީ އެޑްރެސް ކުރީ ބަންޑާރަނައިބުގެ ހައިސިއްޔަތުން ފަހުމީއަކީ ސިވިލްސާވިސް ކޮމިޝަންގެ ރައީސް ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ. އަދި ވިދާޅުވީ ފަހުމީ އޭނާ އަރިހު ވެސް އޮފީހަށް ނުކުންނެވުމަށް ފަހު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި ވިދާޅުވީ ބަންޑާރަ ނައިބް ގާނޫނީ ލަފާ ދެއްވާނެ ގޮތް ފަހުމީ އަށް އެނގިވަޑައިނުގަންނަވާނެ ކަމަށާއި ގާނޫނު އަސާސީގައި ވަރަށް ފުރިހަމައަށް ބަންޑާރަ ނައިބްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ބަޔާން ކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑު ދިން ގާނޫނީ ލަފާ ދީފައި ވާނީ ލިޔުމުން ބަންޑާރަނައިބު އޮފީހުގެ ލެޓާ ހެޑްގައި. އަޅުގަނޑު އަމިއްލަ ހައިސީއްޔަތުން ދެއްވި ގާނޫނީ ލަފާއެއް ކަމަށް ފަހުމީ ދެކެވަޑަގަންނަވަންޏާ އަޅުގަނޑު ކުރާނެ ކަމެއް ނެތް. އަދި ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ވެސް ފަހުމީ އަށް ސީއެސްސީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވޭނެ ކަމަކަށް އަޅުގަނޑު އެއްވެސް އިރެއްގައި ފަހުމީ އަށް ގާނޫނީ ލަފާދީފަ އެއް ނުވާނެ،" އާޒިމާ ވިދާޅުވި އެވެ.

އާޒިމާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ފަހުމީ ގުޅުއްވި ކަމަށާއި އަދި ހުކުމާ ގުޅިގެން ކުރިއަށް ދާންވީ ގޮތެއް ސާފް ކުރަން ސުވާލު ކުރެއްވި ކަމަށެވެ. އަދި ހުކުމާއި ގުޅޭގޮތުން އެއްޗެއް ދަންނަވަން އެނގޭނީ އެ ހުކުމް ދިރާސާ ކުރުމަށް ފަހުގައި ކަމަށް ފަހުމީ ދެންނެވި ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފަހުމީ ވަކި ކުރައްވައި ސްޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ފަހުމީ ޖޭއެސްސީގެ ބައްދަލުވުން ތަކުގައި ބައިވެރިވާން ފެއްޓެވުމުން ފަހުމީ ހުންނެވި އެއްވެސް ބައްދަލުވުމެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އަދި ފަހުމީ ޖޭއެސްސީގެ ބައްދަލުވުން ތަކުގައި ބައިވެރިވެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ.