ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ރާއްޖެ ޓީވީން ހިލާފުވަމުން ގެންދާ ކަމަށް ބުނެ އެ ޕްރެކްޓިސްއާ ހިލާފުނުވުމަށް އަންގައި މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަނުން ރާއްޖެ ޓީވީ އަށް އިންޒާރުދީފި އެވެ.

ބްރޯޑްކާސްޓް ކޮމިޝަނުން ބުނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރާއްޖެ ޓީވީގެ ތިރީ ބާ އަށް އެރުވި ހަބަރެއްގައި ޕީޕީއެމް މީހުން އެމްޑީޕީ މީހުން މަރަން ގޮވާލައި ކަނޑައެޅިގެން ދޮގު މައުލޫމާތެއް ފޮނުވާފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް އެކޮމިޝަނުން ބެލި އިރު ރާއްޖެ ޓީވީން ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1) އާއި ފަސް ވަނަ ހަމައިގެ (1) އަދި (2) އާ ހިލާފުވެފައިވާ ކަމަށެވެ.

އެގޮތުން މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާ ފަދަ ނުވަތަ އިއްޒަތާއި ގަދަަރަށް އުނިކަމެއް އަތުވެދާ ފަދަ ނުވަތަ ނިކަމެތި ކަމެއް ލިބިދާނެ ބަސްތަކާއި އަޑުތަކާއި މަންޒަރު ބްރޯޑްކާސްޓްނުކުރެވޭނެ އެވެ. އަދި ހަބަރާއި ކަރަންޓް އެފެއާޒް ވަކިފަރާތަކަށް ބުރަވުމެއް ނެތި ހަމަހަމަކަމާ ގެނެސްދީ ތެދުމައުލޫމާތު ގެނެސްދިނުމަށް އިސްކަންދޭން ޖެހެ އެވެ. އަދި ހަބަރާއި ފެކްޗުއަލް ޕްރޮގްރާމްތަކުގައި އެކިފަރާތްތަކުގެ ކޮމެންޓް ހިމެނުމުގައި އެކި ފަރާތްތަކުން ދެއްކި ވާހަކަތަކުގެ މަހުފޫމް ނުގެއްލޭ ގޮތަށް ބްރޯޑްކާސްޓްކުރުން ހިމެނެ އެވެ.

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފުނުވުމަށް ރާއްޖެ ޓެެލެވިޒަން ޕްރައިވެޓް ލިމިޓެޑަށް އަންގައި އިންޒާރު ދީފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުންނެވެ.

މީގެއިތުރުން ރާއްޖެ ޓީވީއާ ގުޅޭ ގޮތުން އެކި ފަހަރުމަތިން އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ވެސް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އެކި މާއްދާތަކާ ތަކުރާރުކޮށް ރާއްޖެ ޓީވީން ހިލާފްވެފައިވާ ކަމަށާއި އެކަމާ މެދު ފިޔަވަޅު އެޅުމުން ވެސް އެކަށީގެންވާ އިސްލާހެއް ގެނެސްފައިނުވާ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފަ އެވެ.