06 Jun 2013, 13:57
ރާއްޖެ އަށް ދަތުރުކުރާ މީހުންގެ މައުލޫމާތު ދުރާލާ އިނގޭނެ ނިޒާމް، އެޑްވާންސް ޕެސެންޖާ އިންފޮމޭޝަން ސިސްޓަމް (އެޕިސް)ގެ ފީއެއް އެއާލައިންތަކުން ނަގާ ގޮތަށް ހަމަޖެހިފައިވާ އިމިގްރޭޝަން ޑިޕާޓްމަންޓުން މިއަދު ބުނެފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އިންޑިއާ ސަރުކާރުގެ އެހީގައި އެއާޕޯޓުގައި ބަހައްޓާ އެޑްވާންސް ޕެސެންޖާ އިންފޮމޭޝަން ސިސްޓަމް ބޭނުންކުރަން ފެށުމުން އެއާލައިންތަކުން ކޮންމެ ޕެސެންޖަރެއްގެ އަތުން ދެ ޑޮލަރު ނުވަތަ ފްލައިޓަކަށް ވަކި އަދަދެއްގެ އަހަރީ ފީގެ ގޮތުގައި ޗާޖްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މި ފީ ނަގަނީ އެ ސިސްޓަމަށް ޕްރޮގްރާމް ފޯރުކޮށްދޭ ސިންގަޕޫރުގައި ހުންނަ އެރިންކު ކުންފުނިންނެވެ.
ކޮންޓްރޯލަރު އޮފް އިމިގްރޭޝަން ޑރ. މުހައްމަދު އަލީ ވިދާޅުވީ އެޕިސްގެ ފީއެއްގެ ގޮތުގައި ވަކި މިންވަރެއް އެއާލައިންތަކުން ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އެއާލައިންތަކުން ނަގާނީ ކިހާ މިންވަރެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ އެޑްވާންސް ޕެސެންޖާ ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކުން ކުރަމުން އަންނަ ކަމަށެވެ. އަދި އެ ސިސްޓަމް ބަހައްޓައި މިމަހުގެ ތެރޭގައި ބޭނުންކުރަން ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިސްޓަމް ބެހެއްޓި ނަމަވެސް މިވަގުތު ނޭނގެ އެތީ އިންޓަގްރޭޓް ކުރަންވީ އިމިގްރޭޝަންގެ ކޮން ސިސްޓަމަކާ ކަމެއް. ނެކްސްބިޒްގެ ސިސްޓަމަކާ ގުޅޭކަށް ނެތް. ދެން އޭތި ވަކި ބޭނުންކުރަން މި ޖެހެނީ،" ކޮންޓްރޯލަރު ވިދާޅުވި އެވެ.
އެ ސިސްޓަމްގެ ތެރެއިން، ރާއްޖެ އަންނަ ކޮންމެ ބޯޓެއް އެއާޕޯޓްގައި ޖެއްސުމުގެ ކުރިން އެ ބޯޓުން ދަތުރުކުރާ މީހުންގެ މައުލޫމާތު އެއާލައިންތަކުން ސިސްޓަމަށް ފޮނުވަން ޖެހޭނެ އެވެ.