އެމެރިކާގެ ފިލަޑެލްފިއާގައި ތަޅާލަން އެޅުމުގެ ތެރޭގައި ވެއްޓުނު އިމާރަތުގެ ދަށުން އަންހެނަކު ސަލާމަތްކޮށްފި އެވެ.

ތަޅާލަން މަސައްކަތްކުރަމުންދަނިކޮށް ވެއްޓުނު އިމާރާތުގެ ދަށުވެ މިހާތަނަށް ހަ މީހަކު މަރުވެފައިވާ އިރު ފިލަޑެލްފިއާގެ ފަޔާ ޑިޕާޓްމަންޓުން ވަނީ އެންމެ ފަހުން މި ސަލާމަތްކުރި އަންހެން މީހާއާ އެކު 14 މީހަކު ސަލާމަތްކޮށްފަ އެވެ.

ފިލަޑެލްފިއާގެ ޑެޕިއުޓީ ފަޔާ ޗީފު ރޮބާޓް ކޯނޭ ވިދާޅުވީ އުމުރުން 61 އަހަރުގެ އަންހެން މީހާ ގާތަކުގެ ދަށުން ނެގި އިރު ހޭހުރި ކަމަށާއި އޭނާ ސަލާމަތްކުރި މީހުންނާ ވާހަކަ ދެއްކި ކަމަށެވެ.

ނަމަވެސް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު އޭނާގެ ހާލަތު ސީރިއަސް ކަމަށް މައުލޫމާތު ލިބެ އެވެ.

މިއިމާރާތް ވެއްޓުނު މަންޒަރު ދުށް މީހުންނާ ހަވާލާދީ ސީބީއެސް ނިއުސް އިން ބުނީ އިމާރާތް ވެއްޓުނީ ތަޅާލުމުގެ މަސައްކަތް ކުރަމުންދިޔަ ގޮތުގެ ސަބަބުން ކަމަށާއި އެކަން ކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.

ފިލަޑެލްފިއާގެ ފަޔާ ޑިޕާޓްމަންޓުން ބުނީ އަދި ވެސް މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އިމާރާތަކީ ތަޅާލަމުންދިޔަ އިމާރާތެއް ކަމުން އިމާރާތުގެ ތެރޭގައި މާގިނަ ބަޔަކު ނެތް ކަމަށެވެ.