06 Jun 2013, 13:09
ވައިޓް ހައުސް (ޖޫން 06): އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުސްތަޝާރު ޓޮމް ޑެނިޔެލޯން މަޤާމުން އިސްތިއުފާ ދެއްވާފައިވާތީ އޭނާގެ ބަދަލުގައި އެމަޤާމަށް އދ.ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބާ ސޫޒާން ރައިސް (ފޮޓޯ) ޢައްޔަން ކުރުމަށް ރައީސް ބަރަކް އޮބާމާ ނިންމަވާފައިވާ ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ކާނީ ވިދާޅުވީ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޓޮމް ޑެނިޔެލޯން މިދިޔަ އަންގާރަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވާފައިވާތީ އެމަޤާމަށް ޢައްޔަން ކުރުމަށްޓަކައި ސޫޒާން ރައިސްގެ ނަން ރައީސް ބަރަކް އޮބާމާ އިޚްތިޔާރު ކުރައްވާފައިވާ ކަމުގަ އެވެ. އަދި ސޫޒާން ވަރަށް އަވަހަށް މިމަގާމާ ޙަވާލުވެވަޑައިގަންނަވާނެ ކަމަށް ވެސް ކާނީ ވިދާޅުވި އެވެ.
ލީބިޔާގެ ބެންގާޒީގައި ހުރި އެމެރިކާގެ ކޮންސިއުލޭޓަށް މިދިޔަ އަހަރު ބަޔަކުދިން ޙަމަލާއާގުޅޭ ގޮތުން ސޫޒާން ދޮގު މައްލޫމާތު ދެއްވިކަން ހާމަވުމާ ގުޅިގެން އެމެރިކާގެ މައި އިދިކޮޅު ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީން އޭނާ ސިފަކުރަނީ އިތުބާރުނެތް ބޭފުޅެއްގެ ގޮތުގަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރުކަން ލިބިވަޑައިގަތުމުގެ ފުރްސަތު ވެސް ސޫޒާން އަށް ވަނީ ގެއްލިފައި ވަނީ އެކަމަށް ސެނެޓްގައި ރުހުން ނުދޭނެކަމަށް ރިޕަބްލިކަން ޕާޓީން ބުނުމާގުޅިގެން ސޫޒާން އޭނާގެ ނަން މިއަހަރު ކުރީކޮޅު އަނބުރައި ގެންދިޔުމުންނެވެ. ގައުމީ ސަލާމަތާބެހޭ މުސްތަޝާރުކަމަކީ ސެނެޓުގެ ރުހުން ބޭނުންވާ މަޤާމެއްނޫނެވެ.
ސޫޒާން ރައިސް އަކީ ރައީސް ބަރަކް އޮބާމާގެ ވަރަށް އަރިސް ބޭފުޅެކެވެ. ސުޒާންގެ ބަދަލުގައި އދ.ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބާ ކަމުގެ މަޤާމަށް އައްޔަންކުރުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ ސަމަންތާ ޕެރޫ ކަމަށް ވެސް ވައިޓް ހައުސް އިންބުނެ އެވެ. (ބީ.ބީސީ)