06 Jun 2013, 12:53
ޝިމްލާ (ޖޫން 06): އިންޑިޔާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝްގައި އެމެރިކާގެ އަންހެނަކު ރޭޕްކޮށްލައިފި އެވެ.
އެސްޓޭޓްގެ ފުލުހުން ބުނި ގޮތުގައި ރޭޕްކޮށްލެވުނު އަންހެނަކީ އުމުރުން 30 އަހަރުގެ އެމެރިކާގެ ރައްޔިތެކެވެ. އެއަންހެން މީހާ ހިމާޗަލް ޕްރަދޭޝްގައި ހަރަކާތްތެރިވަމުން ދިޔައީ ފަތުރުވެރިއެއްގެ ގޮތުގައި ކަމަށާއޭނާ ރޭޕްކޮށްލުމުގައިއެތައް ބަޔަކު ބައިވެރިވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. ހިމާޗަލް ޕްރަދޭޝްގެ ފުލުހުންނާ ޙަވަލާދީ މިކަމާ ބެހޭ ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ މިއަންހެންމީހާ ރޭޕްކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ގިނަ އަދަދެއްގެ ފިރިހެނުން ތިބި ލޮރީއަކަށް އަމިއްލަ އިޚްތިޔާރުގައި އަންހެންމީހާ އަރައިގެން ދަތުރުކުރަމުން ދަނިކޮށް އެލޮރީ އެކަހެރި ތަނަކަށް ގެންގޮސްގެންނެވެ.
ރޭޕްކުރުމުގެ މިޢަމަލުގައި ބައިވެރިވެފައި ވަނީ އެލޮރީގައި ތިބި މީހުން ކަމަށާ މީގެތެރެއިން ބައެއް މީހުން މިހާރު ހައްޔަރުކުރެވިފައިވާ ކަމުގަ އެވެ. އެލޮރީ އަށް އަންހެންމީހާ އެރިކަމަށް ވަނީ އޭނާ ބޭނުންވާތަނަކަށް ގެންގޮސްދޭނެ ކަމަށް އެލޮރީގައިތިބި މީހުން ބުނުމުން ކަމަށްވެސް ޚަބަރުލިބެ އެވެ. އިންޑިޔާއަކީ އަންހެނުން ރޭޕްކުރުމުގެ ރޭޓް ވަރަށް މަތީ ގައުމެކެވެ. ބޭރުގެ އަންހެން ފަތުރުވެރިން ވެސް އިންޑިޔާގައި ރޭޕްކުރާ ނިސްބަތް މަތިކަމުން ފަތުރުވެރިން އިންޑިޔާއަށް ދާ މިންވަރު ދަށަށްދާން ފަށަފައިވާ ކަމަށް އިންޑިޔާގެ ފަތުރުވެރިކަމާބެހޭ ތަފާސްހިސާބުތައް ބުނެ އެވެ. (ބީ.ބީސީ)