06 Jun 2013, 12:51
ބޮޑުތަކުރުފާނު މަގުން ކާނިވާ ސަރަހައްދުން ދުއްވާފައި ދިޔަ ސައިކަލެއްގެ ތެރޭގައި އޮތް ދަބަހެއް ފޭރިގަނެގެން ފިލަން ދުއްވި ސައިކަލެއް ހުއްޓުވަން އުޅުމުގެ ތެރޭގައި އެކްސިޑެންޓެއް ވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 10 ޖަހާ އެހާކަންހާއިރު ކާނިވަލުގެ ޕާކިން ސަރަހައްދާ ދިމާ ބޮޑުތަކުރުފާނުމަގުން ދުއްވާފައި ދިޔަ ސައިކަލެއްގެ ވަށިގަނޑުގެ ތެރޭގައި އޮތް ދަބަހެއް އެ ސައިކަލްގެ ފަހަތުން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހަކު ފޭރިގަނެގެން ބާރު ސްޕީޑްގައި ފިލަން ދުއްވުމުގެ ތެރޭގައި ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ފިލަން ދުއްވި ސައިކަލް ބާރު ސްޕީޑްގައި ދަނިކޮށް، ކާނިވާ ސަރަހައްދުގެ ޕެޓްރޯލްސެޑާއި ހަމައިން ދަބަސް އޮތް ސައިކަލްގައި އިން މީހާ އެމީހާ ހުއްޓުވަންވެގެން އެސައިކަލާ އަރާ ހަމަކުރި ކަމަށާއި އެ ވަގުތު ފޭރުނު މީހާ އެސައިކަލްގައި ފައިން އަޅައި ކޮށްޕާލާފައިވާ ކަމަށެވެ. އަދި އެވަގުތު ދަބަހުގެ ވެރިމީހާ ކަމަށް ބެލެވޭ މީހާގެ ސައިކަލުން އެވަގުތު އެމަގުގެ ކަނާތްފަޅީގައި ޕާކްކޮށްފައި އޮތް ކާރެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އެމީހާ ސައިކަލާ އެކު މަގު ވައްޗަށް ވެއްޓިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓްގައި ކާރުގެ ފަހަތްކޮޅު ވަރަށް ބޮޑަށް ހަލާކުވެފައިވާ އިރު ސައިކަލަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފަ އެވެ. އެކްސިޑެންޓްގައި ސައިކަލުން ވެއްޓުނު މީހާ އަށް އެކިވަރުގެ އަނިޔާލިބިފައިވާ ކަމަށާއި އޭނާ އަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"މާސީރިއަސް އަނިޔާއެއް ނުލިބޭ، ނަމަވެސް އެމީހާގެ އަތުގެ އޮޅަބޮށިން ފަޅައިގެން ގޮސްފައިވާ ކަމަށް ބެލެވެނީ،" އޮފިޝަލް ވިދާޅުވި އެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވި ނަމަވެސް އެމައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަަށް ފުލުހުން ބުންޏެވެ.