06 Jun 2013, 12:44
އިނގިރޭސި ލީގް ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑް 2013/14ގެ ފުޓްބޯޅަ ސީޒަންގައި ބޭނުންކުރާނެ އާ ހޯމް ކިޓް، ޔުނައިޓެޑުން ތައާރަފް ކޮށްފި އެވެ.
ޔުނައިޓެޑުން ބުނެފައި ވަނީ އެ ކްލަބްގެ އާ ހޯމް ކިޓް ޑިޒައިން ކޮށްފައި ވަނީ، އެ ކުލަބަށް ކުޅިވަރުގައި ލިބިފައިވާ ކާމިޔާބު ތަކާއި، މެންޗެސްޓާގެ ކުޅިވަރު ސިނާއީ ތަރިކަ ރަމްޒު ކޮށްދޭ ގޮތަށް ކަމަށެވެ. އަދި މިއަދުން ފެށިގެން ފިހާރަތަކުން އެ ކިޓް ގަންނަން ލިބެން ހުންނާނެ ކަމަށް އެ ކުލަބުން ބުންޏެވެ.
ނައިކީ އިން ތައްޔާރު ކޮށްފައިވާ ޔުނައިޓެޑްގެ ކަޅު ގިރުވާނުލީ އައު ޖާޒީން އެ ކުލަބުގެ 90ގެ އަހަރުތަކުގެ ހަނދާންތައް އައުކޮށްދޭނެ ކަމަށް ވެސް ޔުނައިޓެޑުން ވަނީ ބުނެފަ އެވެ.
ސާފު ރަތް ކުލައިން މުޅި ޖާޒީ ޑިޒައިންކޮށްފައިވާއިރު ކަޅު ކުލައިގެ ގިރުވާނުގެ ކުރިމަތީގައި ތިން ގޮށް އަދި ގިރުވާނުގެ ފަހަތުގައި ހަރުކޮށްފައިވާ ގޮށުން ރަމްޒު ކޮށްދެނީ މެންޗެސްޓާގެ ސިނާއީ ތަރިކަ އެވެ.
ޔުނައިޓެޑްގެ އާ ޖާޒީގެ ޝޯޓްގެ ކުލައަކީ ހުދު ކުލަ އެވެ. އަދި ޝޯޓުގެ ފައިކުރީގެ އެންމެ ތިރިން ފަހަތުގައި ކަޅު ކުލައިގެ ފަށެއް އަޅާފައި ހުރެ އެވެ. ކަޅު ކުލައިގެ އިސްޓާކީނުގެ މެދުގައި ވަށައިގެން ރަތްކުލައިގެ ފުޅާ ދެ ފަށް ދުއްވާލާފައި ހުންނައިރު ރަތް ދެ ފަށުގެ މެދު ތެރެއިން ހުދު ކުލައިގެ ހިމަ ފަށެއް ހުރެ އެވެ.
ޔުނައިޓެޑްގެ ޖާޒީ އުފައްދާފައިވާ ނައިކީއިން ބުނެފައިވަނީ، މިފަހަރުގެ ކިޓް ތައްޔާރު ކޮށްފައިވަނީ ނައިކީގެ "ރިވޮލިއުޝަނަރީ ރީސައިކަލްޑް ޕޮލިސްޓާ ޓެކްނޯލޮޖީ" ބޭނުން ކޮށްގެން ކަމަށެވެ. އެގޮތުން، ޝޯޓު ތައްޔާރު ކުރުމަށް 13 ޕްލާސްޓި ހުސްފުޅި ބޭނުން ކޮށްފައިވާ ކަމަށެވެ. އަދި 150 ގްރާމްގެ ބަރުދަން ހުން ޖާޒީ ތައްޔާރު ކުރުމުގައި ނައިކީ "ޑްރައި-ފިޓް" ޓެކްނޮލޮޖީ ބޭނުން ކޮށްފައިވުމުން ކުޅުންތެރިންގެ ހަށިގަނޑުން ހިއްލާ ދާތައް ދުރުކޮށް، ފިނިކަން ގެނެސްދޭނޭ ކަމަށެވެ.
ޔުނައިޓެޑްގެ އާ ޖާޒީ މިއަދުންފެށިގެ ފިހާރަތަކުން ގަންނަން ލިބެން ހުރިއިރު، ޖާޒީއެއް ލިބެނީ 55 ޕައުންޑަށެވެ.