06 Jun 2013, 12:37
އެސްޓީއޯގެ ކުރީގެ ޗެއާމަން ފާރޫގު މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފިކަމުގެ ދައުވާއާ ދެކޮޅަށް އޭނާ ހެއްކެއްގެ ގޮތުގައި ހުށަހެޅި މީހާގެ ހެކި ބަސް މިއަދު ނަގައިފި އެވެ.
މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގެ ހެއްކެއްގެ ގޮތުން ފާރޫގު ހުށަހެޅި މއ. ޑޯންލައިޓް އަބްދުﷲ މަޖީދު ބުނެފައި ވަނީ ފާރޫގު ރިޝްވަތު ހިފިކަމަށް ބުނާ ސްރީލަންކާގެ ކުންފުނި، ރޯޔަލް އެޖެންސީގެ ވެރިފަރާތް، މަރިމުތު އުދަޔަސުންދަރަށް ފާރޫގު ބުނެގެން އޭނާ ގުޅަން މަސައްކަތްކޮށްފައިވާ ކަމަށާއި ނަމަވެސް އެމީހާ ފޯނު ނަގާތީ ގުޅޭގޮތް ނުވި ކަމަށެވެ.
މާޖިދު ބުނީ އޭނާ ސުންދަރަށް ގުޅީ އޭނާ ލަންކާ އަށް ދާން އުޅެން ފެށުމުން ސުންދަރު ކިޔާ މީހަކަށް ގުޅާފައި "ފައިސާ އަށް ހަދަންވީ ކިހިނެތް ތޯ" އަހާށޭ ފާރޫގު ފޯނުމެދުވެރިކޮށް އެނާ ކައިރި ބުނުމުން ކަމަށެވެ.
މާޖިދު ބުނީ ފާރޫގު އޭނާ ދަންނަނީ ހަމަ އެކަނި ވިޔަފާރި ވެރިއެއްގެ ގޮތުން ކަމަށާއި ފާރޫގަކީ އޭނާގެ ރައްޓެއްސެއް ވެސް ނޫން ކަމަށާއި އަދި ސުންދަރަށް ގުޅާފައި ފައިސާ އަށް ހަދަންވީ ކިހިނެއްހޭ ބުނާށޭ ފާރޫގު ބުނީ ކީއްވެ ކަމެއް ވެސް އޭނާ އަށް ނޭނގޭ ކަމަށެވެ.
ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އެސްޓީއޯގެ ޗެއާމަންގެ މަގާމުގައި ފާރޫގު ހުންނެވި އިރު އެ ކުންފުންޏަށް ހަނޑޫ ސަޕްލައިކޮށްދިނުމަށް ހަވާލުކޮށްފައިވާ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ރޯޔަލް އެޖެންސީގެ ވެރިފަރާތް ކަމަށްވާ މަރިމުތު އުދަޔަސުންދަރުގެ ކިބައިން 100,000 ޑޮލަރު ދިނުމަށް ފާރޫގު ޑިމާންޑްކޮށްފައިވާ ކަމަށެވެ.
ފާރޫގު އެގޮތަށް ޑިމާންޑުކުރުމުން އޭނާގެ ނަމުގައި ހޮންކޮން އެންޑް ޝަންގްހާއި ބޭންކިން ކޯޕަރޭޝަން މާލެ ބްރާންޗްގައި ހުޅުވާފައިވާ އެކައުންޓަށް 2010 ވަނަ އަހަރުގެ ޖޫން މަހުގެ 7 ވަނަ ދުވަހު ހެޓަން ނެޝަނަލް ބޭންކް ޕަބްލިކް ލިމިޓެޑްގައި ރޯޔަލް އެޖެންސީގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުން، ޓެލެގްރާފް ޓްރާންސްފާއެއް މެދުވެރިކޮށް 19,000 ޑޮލަރު ފޮނުވާފައި އޮތްކަން އެނގޭ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.
ރިޝްވަތުގެ ގޮތުގައި ފާރޫގު ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ އެ ފައިސާ އޭނާގެ އަތުން ހޯދުމަށް ވެސް ދައުލަތުން ވަނީ އެދިފަ އެވެ.