30 Oct 2010, 09:52
ހެންވޭރުގެ ގެއަކުން ހަތަރު ފުޅި ރަލާ އެކު ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ރާފުޅިތަކަކާ އެކު ތިން މީހަކު ހެންވޭރުގެ ގައެކުން ހައްޔަރު ކޮށްފައި ވަނީ ލިބުނު ރިޕޯޓަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އިއްޔެ ރޭ ކަމަށެވެ. ނަމަވެސް އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އެއީ ކޮން ގެއެއް ކަމެއް ވެސް ފުލުހުން ހާމަ ކޮށްފައެއްނުވެ އެވެ.
ރަލުގެ މައްސަލައެއްގެ ތުހުމަތުގައި ފުލުހުން އިއްޔެ ރޭ ތިން މީހަކު ހައްޔަރު ކޮށްފައި މިވަނީ ސަރުކާރުގެ އިސް ވެރިއެއްގެ ތިމާގެ މީހެއްގެ ގެއަކުން ރާފުޅިތަކެއް ފެނުނު ވާހަކަތަކެއް މާލެ ތެރޭގައި ދެކެވެނިކޮށެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވަނީ އެކަށް ދޮގުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެފަދަ މައްސަލަ އެއްގައި ސަރުކާރުގެ އެއްވެސް އިސް ވެރިޔަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އަދި ހައްޔަރު ކުރި ތިން މީހުންނަކީ ސަރުކާރުގެ އިސް މަގާމެއްގައި އުޅޭ ބައެއް ނޫން ކަމަށެވެ.