06 Jun 2013, 12:20
ރިޔާސީ އިންތިހާބުގައި ހުރިހާ ސިޔާސީ ޕާޓީތަކުން ކަނޑައަޅާފައިވާ ކެންޑިޑޭޓުންނަށް ވެސް ވާދަކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރުމާ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސާ ޑޮނަލްޑް މެކިނަން ވިދާޅުވެއްޖެ އެވެ.
މެކެނަން މިހެން ވިދާޅުވީ ރިޔާސީ އިންތިހާބު ކައިރިވަމުން އަންނަ އިރު ރާއްޖޭގައި ހިނގާ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމަށް ފަހުގަ އެވެ.
"ހުރިހާ ސިޔާސީ ޕާޓީތަކުން ނޮމިނޭޓްކޮށްފައިވާ ކެންޑިޑޭޓުންނަށް ހަމަ ހަމަ ގޮތެއްގައި ރިޔާސީ އިންތިހާގައި ވާދަކުރެވޭނެ ކަމަށް ވެސް އަޅުގަނޑު އުއްމީދުކުރަން. އޭރުން ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ފެންނާނީ ހަމައެކަނި ވޯޓް ލާ މީހުންގެ އެދޭ ގޮތް ކަމަށް ވެގެންދާނެ،" މެކިނަން ވިދާޅުވި ކަމަށް ކޮމަންވެލްތު ސެކްރެޓޭރިއަޓް އިން އިއްޔެ ބުންޏެވެ.
އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ ހުރިހާ ފަރާތްތަކެއް ބައިވެރިވާ، މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކަމަށް ބެހޭ ހުރިހާ ފަރާތްތަކަށް ހިތްވަރު ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ މިވަގުތަކީ ގެޒެޓްކޮށްފައިވާ ވޯޓާސް ރެޖިސްޓްރީގައި އެމީހުންގެ ތަފްސީލު އޮތްތޯ ދިވެހި ހުރިހާ ރައްޔިތުން ވެސް ޗެކްކުރަންވީ ވަގުތު ކަމަށާ ވޯޓާސް ރެޖިސްޓްރީ އެންމެ ރަނގަޅުވާނީ ރެގިއުލޭޓަރީ އޮތޯރިޓީތަކާއި ސިޔާސީ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމުން ކަމަށެވެ.
"ވޯޓާ ރެޖިސްޓްރީ އެންމެ ރަނގަޅު އެއްޗަކަށް ވާނީ އޭގެ ސައްހަކަން ކަށަވަރު ކުރުމަށް ރެގިއުލޭޓަރީ އޮތޯރިޓީތަކާއި ސިޔާސީ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމުން،" މެކިނަން ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާ 240،302 މީހުންގެ ނަމާ އެކު ވަނީ ގެޒެޓްކޮށްފަ އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ގެޒެޓް ކުރުމާ ގުޅިގެން އިއްޔެއާ ހަމައަށް 421 ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އިއްޔެ ވިދާޅުވީ އިއްޔެއާ ހަމައަށް 421 ޝަކުވާ ހުށަހަޅާފައިވާ އިރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ރަޖިސްޓްރީ ބަދަލުވުމުގެ ޝަކުވާ ކަމަށެވެ. އެގޮތުން އެއްގެއެއް އިތުރު ބައިތަކަށް ބަހާފައި ނަން ބަދަލު ކުރުމުން ރަޖިސްޓްރީ އަށް ބަދަލު އައުން ފަދަ ކަންތައް ހުރި ކަމަށް ފުއާދު ވިދާޅުވި އެވެ.