06 Jun 2013, 11:40
މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމި، ހަފްތާއެއްގެ ޗުއްޓީ ދަރިވަރުންނަށް ދީފި އެވެ.
ޖެނުއަރީ 20 ވަނަ ދުވަހު ފެށި މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މިޑްޓާމްއަށް ސްކޫލްތައް ބަންދު ކުރުމަށްފަހު އަހަރުގެ ފަހު ޓާމްގެ ކިޔެވުން ފަށާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
ފުރަތަމަ ޓާމްގެ ކިޔެވުމަށްފަހު މިއަދު ސްކޫލްތައް ބަންދުކުރާއިރު، މިއަހަރުގެ ފުރަތަމަ ޓާމްގެ ގިނަ ދުވަސްތަކެއްގެ ކިޔެވުން ވަނީ ކުނިގޮނޑުގެ މައްސަލައާ ހެދި އިމާދުއްދީން ސްކޫލަށް ގެއްލިފަ އެވެ. އަދި މިދިޔަ ހަފްތާތެރޭ ވަނީ ހުޅުމާލޭ ޕްރީ ސްކޫލްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އެ ސްކޫލް ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.
މީގެ އިތުރުން ވެސް ހދ. ކުމުންދޫ ސްކޫލްގެ ޓީޗަރަކަށް ހަމަލަދިން މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އަދި އއ. އުކުޅަހު ސްކޫލްގައި ކިޔަވަމުން ގެންދާ އަންހެން ދަރިވަރުންތަކެއް "ޖިންނި މޮޔަވެގެން" އެ ސްކޫލްގެ ކިޔެވުން ވެސް މެދު ކަނޑާލަން ވެސް ޖެހިފައިވެ އެވެ.