06 Jun 2013, 11:37
ދުނިޔޭގެ ތިމާވެށި ދުވަހާއި ގުޅުވައިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން އިސްނަގައިގެން ހުޅުމާލެ ބާބަކިއު ހަދާ ސަރަހައްދު ސާފުކޮށްފި އެވެ.
އިއްޔެ މެންދުރުފަހު ފެށި ސާފު ކުރުމުގެ އެ ހަރަކާތުގައި ޕާޓީގެ ރިޔާސީ ކެންޑީޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި އެ މަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަހްމަދު އާއި ޕާޓީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ ދުންޔާ މައުމޫންގެ އިތުރުން އެ ޕާޓީގެ ބައެއް މަޖިލީސް މެމްބަރުންނާއި ކައުންސިލް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި ކަމަށާއި އަދި އެ ބޭފުޅުންނާ އެކު ގިނަ އަދަދެއްގެ އާއްމު މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމުން ބުނީ އިއްޔެގެ ސާފު ކުރުމުގެ ހަރަކާތަކީ އެ ޕާޓީގެ މެމްބަރުންގެ މެދުގައި އޮތް އެއްބައިވަންތަ ކަމާއި އެކުވެރިކަން ދައްކުވައިދިން ފޯރިގަދަ ހަރަކާތެއް ކަމަށެވެ. އަދި އެ ހަރަކާތް ނިންމާލީ ސާފު ކުރުމުގައި ބައިވެރިވި ހުރިހާ މެމްބަރުންނަށް ޚާއްސަ ކޮށްގެން ބޭއްވި ބާބަކިއު ހަވީރަކުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅުވައިގެން އެސްޓީއޯގެ ސްޓާފް ކުލަބުން ވެސް އިއްޔެ ވަނީ އެމްއެންޑީއެފް އާ ގުޅިގެން މާލޭ މަސް މާރުކޭޓާ ދިމާލުން ކަނޑުތޮށީގެ ބޭރުން ގާތްގަނޑަކަށް 20000 އަކަފޫޓްގެ ސަރަހައްދެއް ސާފުކޮށްފައެވެ.