06 Jun 2013, 11:31
ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ކުރިއެރުންތައް ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ވަރަށް ބޮޑުތަން ދަށަށް ގޮސްފައިވާ ކަމަށާއި ހާއްސަކޮށް އިދާރީ ގޮތުން އެފްއޭއެމް ވަނީ ފެއިލްވެފައި ކަމަށް އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާ އޭއެފްސީގެ އެކްސްކޯގެ މެމްބަރު އަދި އެފްއޭއެމުގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
"ސަން އޮންލައިނާ" ވާހަކަ ދައްކަމުން އާޒިމް މިއަދު ވިދާޅުވީ، އެފްއޭއެމްގައި މިހާރު އޮތް މެނޭޖްމަންޓާ އެކު ރާއްޖޭގެ ފުޓްބޯޅަ ވަނީ ވަރަށް ބޮޑު ތަން ދަށަށް ގޮސްފައި ކަމަށާއި އެ އިދާރާގެ އިސްވެރިން ކުރާން ޖެހޭ ބޮޑެތި މަސްއޫލިއްޔަތުތައް ވަނީ ފޭލްވެފައި ކަމަށެވެ.
"ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅައަށް ލިބުނު ކުރިއެރުމެއް ނެތް. ރާއްޖޭގެ ފުޓްބޯޅަ ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފައި. ހާއްސަކޮށް އެފްއޭއެމްގެ އިދާރީ ކަންކަން ވެސް ވަނީ ދަށަށް ގޮސްފައި،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅަ މިހާރު މިސްރާބް ޖަހާފައި ވަނީ ހަރުދަނާ ގޮތަކަށް ނޫން ކަމަށާއި އެގޮތުން އެފްއޭއެމްގެ އިސްވެރިން މިހާރަށް ވުރެ ބޮޑަށް ޒިންމާދާރު ވާން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ ފުޓްބޯޅަ ދާމިސްރާބުން ކުރިމަގުގައި ފުޓްބޯޅައަށް ހިދުމަތް ކޮށްދިނުމުގައި ހުންނާނެ ކަމާ މެދު މިހާރު ސުވާލު އުފެދޭ. އަޅުގަނޑު ގަބޫލެއް ނުކުރަން ރާއްޖޭގެ ފުޓްބޯޅަ ދަނީ ރަނގަޅު މިސްރާބެއްގައިކަން. އެފްއޭއެމް އިދާރާ މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ވާންޖެހޭ." އާޒިމް ވިދާޅުވި އެވެ.
ރާއްޖޭގެ އެފްއޭއެމްގެ ރައީސް ކަމާ މިހާރު ހަވާލުވެ ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަޙްމަދެވެ. އަލީ އާޒިމުގެ ކޮމެންޓާ ގުޅޭ ގޮތުން އިލްހާމާ ގުޅި އިރު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ރާއްޖޭގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެފްއޭއެމް ކުރިއެރުވުމުގެ ބަދަލުގައި އިލްހާމް މިހާރު މަސައްކަތް ކުރައްވަމުން އަންނަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވާން ނިންމާފައިވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމަށް ކެމްޕޭން ކޮށްދިނުމުގަ އެވެ.