06 Jun 2013, 11:08
ޖަރުމަނުގެ ބަޔާ ލިވަކޫޒަންގެ ފޯވަޑް އަންދްރޭ ޝޫލާ، 22، އިނގިރޭސި ވިލާތުގެ ޗެލްސީއަށް ގެނައުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމަށް ޖަރުމަނުގެ މީޑިޔާ ރިޕޯޓުތައް ބުނެފި އެވެ.
ކުރިން ހަބަރުތައް ފެތުރިފައިވަނީ ޖަރުމަނުގެ ގައުމީ ޓީމުގެވެސް ފޯވަޑަކަށް ކުޅޭ ޒުވާން ތަރި އަދި އެއް އަހަރު ދުވަހު ލިވަކޫޒަންގައި މަޑު ކުރާނޭ ކަމަށެވެ. އެހެން ނަމަވެސް "އެކްސްޕްރެސް"އާއި "ސްކައި ޖާމަނީ"އިން ބުނެފައި ވަނީ، ޗެލްސީއާއި ލިވަކޫޒަންއިން މިހާރުވަނީ ޝޫލާގެ ފީއަކާ ދޭތެރޭގައިވެސް އެއްބަސްވުމަކަށް އައިސްފައި ކަމަށާއި އެގޮތުން އޭނާ ފަސް އަހަރު ދުވަހުގެ އެއްބަސް ވުމެއްގެ ދަށުން ޗެލްސީއަށް ބަދަލު ވަނީ ގާތްގަނޑަކަށް 20 މިލިޔަން ޔޫރޯގެ ފީއަކަށް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ޗެލްސީގެ ބެލްޖިއަން އިންޓަނޭޝަނަލް، ކެވިން ޑި ބްރޫއިން ހޯދުމަށް ލިވަކޫޒަންއިން މަސައްކަތް ކުރަމުން ގެންދާ ނަމަވެސް ޝޫލާ ކޮންޓެރެކްޓްގައި އެފަދަ ވާހަކައެއް ހިމަނާފައެއް ނުވެ އެވެ. އަދި ޑި ބްރޫއިން ބޭނުންވަނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ޝޫލާ ވަނީ ޗެލްސީގެ ކުރީގެ ތަރި މައިކަލް ބަލަކްގެ ފެއާވެލް މެޗުގައި ބަލަކް އެންޑް ފްރެންޑްސްގެ ޓީމާ ދެކޮޅަށް ރޭ ވޯލްޑް 11ގެ ނަމުގައި ހޮވާލެވުނު ތަރިންގެ ޓީމަށް ކުޅެފައެވެ. އަދި އެ ޓީމުގެ ކޯޗުކަން ކޮށްފައިވަނީ ޗެލްސީގެ މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ.
ޝޫލާގެ ޓްރާންފާއާ ބެހޭ ގޮތުން މޮރީނިއޯއާ ސުވާލު ކުރުމުން ޖަވާބުގައި އޭނާ ބުނީ "ވާގޮތެއް ބަލަން ތިބެމާ ހިނގާ،" އެހެން ނެވެ. އަދި މޮރީނިއޯއާ ވާހަކަ ދެއްކިންތޯ ޝުއަލޭ ކައިރީގައި ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އެއީ އަހަރެންގެ ކޯޗު ކަމަށާއި އެހެން ކަމުން ވަރަށް ގިނަ ވާހަތައް ދެކެވިފައިވާ ކަމަށެވެ.