06 Jun 2013, 10:51
އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގެ އުތުރުގައިވާ މިސްކިތެއްގައި ރޯކޮށް އަންދާލައިފި އެވެ.
އިނގިރޭސިވިލާތުގެ މެޓްރޮޕޮލިޓަން ޕޮލިހުން ބުނީ އިއްޔެގެ ފަތިހުގެ ވަގުތެއްގައި ރޯކޮށް އަންދާލާފައި ވަނީ އުތުރު ލަންޑަންގެ މުސްވެލް ހިލްގައި ހުންނަ އަލް-ރަހުމާ އިސްލާމިކް ސެންޓާ ކަމަށެވެ.
އެ ހާދިސާގައި މިސްކިތުގެ އިމާރާތް ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.
އަދި މި އަލިފާނަކީ ބަޔަކު ގަސްތުގައި ރޯކޮށްފައިވާ އަލިފާނެއް ކަމަށް ބެލެވޭ ކަމަށާއި އެހެން ކަމުގެ އެކަމުގެ ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ރޯކޮށްލުމުގެ ކުރިން މިސްކިތުގެ ބޭރުގައި "އީޑީއެލް" ސްޕްރޭކޮށްފައިވާ ކަމަށެވެ.
އީޑީއެލްއަކީ އިނގިރޭސިވިލާތުން މުސްލިމުން ނެރެ، އިސްލާމީ ފިކުރު އެ ގައުމުގެ ފޮހެލަން މަސައްކަތްކުރާ އިގްލިޝް ޑިފެންސް ލީގު ކިޔާ ޖަމިއްޔާއެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލް-ރަހުމާ އިސްލާމިކް ސެންޓަރަކީ މިސްކިތެއްގެ އިތުރުން އެސަރަހައްދުގައި އުޅޭ މުސްލިމުން އެއްވެ އުޅުމަށް ބޭނުންކުރާ ހޯލެއް ހުރި އިމާރާތެއް ކަމަށާއި ކޮންމެ ދުވަހަކު ވެސް ސްކޫލް ނިންމުމަށް ފަހު ކުޑަކުދިން މިކޮމިއުނިޓީ ސެންޓަރަށް ޒިޔާރަތްކޮށް ހަދާ ކަމަށެވެ.
ލަންޑަންގައި ދާދި ފަހުން ކަތިވަޅިއަކުން ހަމަލާދީ ސިފައިންގެ މީހެއް މަރާލި ފަހުން މުސްލިމުންނަށް އަމާޒުކޮށްދޭ ހަމަލާތައް އިތުރުވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ އިސްލާމިކް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނެ އެވެ.
މިގޮތުން މިސްކިތްތަކަށް ގެއްލުންދީ، މިސްކިތްތަކުގެ ބޭރުގައި ސްޕްރޭކުރުން ފަދަ ކަންކަން އާއްމުވެފައިވާ ނަމަވެސް މިހާތަނަށް ތަންތާގައި ރޯކޮށް ހަދާފައެއް ނުވެ އެވެ.
އިނގިރޭސި ފުލުހުން ބުނީ އެގައުމުގެ ކައުންޓާ ޓެރޮރިޒަމް ކޮމާންޑް ޔުނިޓުން މިމައްސަލަ ތަހުގީގުކުރަމުންދާ ނަމަވެސް، ކައުންޓާ ޓެރޮރިޒަމް ޔުނިޓުން ތަހުގީގުގައި ބައިވެރިވަނީ ކޮންމެހެން ޓެރޮރިޒަމްގެ ހަމަލާއަކަށް ވުމުން ނޫން ކަމަށާއި، ތަހުގީގާއި އެޔުނިޓުން ހަވާލުވީ އެޔުނިޓަކީ ތަޖުރިބާކާރު ޔުނިޓަކަށް ވުމުން ކަމަށެވެ.
އިނގިރޭސިވިލާތުން މުސްލިމުން ފައްސާލުމަށް ވަކާލާތުކުރާ އީޑީއެލްއިން ބުނީ މިއީ އެ ޖަމާއަތުން ކުރިން ކަމެއް ނޫން ކަމަށާއި އިމާރާތްތަކަށް ގެއްލުން ދިނުމަށް އެޖަމާއަތުން ގޮވާނުލާ ކަމަށެވެ.