06 Jun 2013, 10:41
ރާއްޖެ އާއި ބޭރުގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް އެކި ޕެކޭޖްތަކަށް ބަހާލައިގެން ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.
އެންސްޕާ ހިންގެވުމާ ހަވާލުވެ ހުންނެވި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތޯރިގް އަލީ ލުތުފީ އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެއްލައްކަ ރުފިޔާގެ ލިމިޓްގެ ތެރެއިން އެއްވެސް ޕެކޭޖެއް ނެތި ދެމުން އަންނަ އާސަންދަ އިންޝުއަރެންސް ސްކީމް ޕެކޭޖްކޮށްގެން ދިނުމަށް ބޭރުގެ ބައެއް ހޮސްޕިޓަލްތަކާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ޕެކޭޖްކުރުމުން ބޮޑެތި ބަލިތަކުގެ އޮޕަރޭޝަންތަކާއި ޓެސްޓްތަކާއި ޑޮކްޓަރުންގެ ފޮލޯއަޕާއި ބޭހާއި ހުރުން ވެސް ޕެކޭޖްގެ ތެރެއިން ކަވަރުކުރެވޭނެ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
"އޭރުން އެ ޕެކޭޖަށް ކަނޑައެޅިފައި އޮންނަ އަގެއް ދައްކާނީ. މިހާރު އެ މީހުން [ހޮސްޕިޓަލްތަކުން] ބިލްކުރި ވަރަކަށް އަޅުގަނޑުމެން ފައިސާ ދައްކަނީ. އޭރުން އެ ހޮސްޕިޓަލަކަށް މަޖުބޫރުވާނެ އެ ޕެކޭޖްގައި އޮންނަ އަގުގެ ތެރޭގައި މެނޭޖްކުރަން. އެއީ މިހާރާ އަންނާނެ ތަފާތަކީ. އޭރުން އަޅުގަނޑުމެން އެ ސާވިސްއެއް ގަންނާނީ އެއްކޮށް. އަޅުގަނޑުމެންގެ މިހާރު މި އޮންނަނީ ފޯ ފޯ ސާވިސް އުސޫލް. އެ އުސޫލަކީ ކޮންމެ ހިދުމަތެއްދީފައި ބިލްކުރާ އުސޫލް،" އޭނާ ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ އެންސްޕާ އިން މިހާރު އަމަލުކުރަމުން އަންނަ ފީ ފޯ ސާވިސްގެ މިންގަނޑުތައް ބަދަލުގެންނަމުންދާ ކަމަށެވެ.
"އެ ޕެކޭޖް ކުރުމަށް މިންގަނޑުތަކެއް އެކުލަވާލުވުމުގެ މަސައްކަތް ކުރަމުން މިދަނީ. ހިނގަ ހިނގާ އޮތް ނިޒާމަކަށް ޓަސް ޓަސްލާފައި ބަދަލު ގެންނާކަށް އެހާ ފަސޭހައެއް ނޫން. އަދި މިހާރު ހުރި ލިމިޓްތަކަށް ބަދަލު ގެންނާކަށް ވެސް ނެތް ނިންމާފައެއް. އަޅުގަނޑުމެން މި މަސައްކަތްކުރަނީ އެއްވެސް ލިމިޓަކަށް ބަދަލު ނުގެނެސް ހުރިހާ ރައްޔިތުންނަށް މި ހިދުމަތް ދެވޭނެ ގޮތެއް ހޯދޭތޯ،" އޭނާ ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ މިހާރު ބަދަލު ގެންނަން ނިންމާފައި ވަނީ ހިދުމަތް ގަންނަ އަގާއި ދޭ ގޮތަށް ކަމަށެވެ. އަދި ޕެކޭޖްކުރުމުން އެންސްޕާ އަށް ނޭނގި އެއްވެސް ހިދުމަތަކަށް އަގު ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަވަށްޓެރި ބައެއް ގައުމުތަކުން ވެސް މިހާރު ހިދުމަތްތައް ޕެކޭޖްކޮށް މިހާރު ދެނީ. އިންޑިއާގެ މަޝްހޫރު ހޮސްޕިޓަލްތަކުން އޯޕަން ހާޓް ސާޖަރީ [ބައި ޕާސް އޮޕަރޭޝަން]އެއް ހެދޭ އިންޑިއާގެ 60،000 ރުފިޔާ އަށް. އަޅުގަނޑުމެން އެ އޮޕަރޭޝަން މިކުރެވެނީ ފަސްހާހެއްހާ ޑޮލަރަށް. އެހެންވީ އެ ގައުމުތަކުގެ ސުކީމްތައް އައުމުގެ ނަތީޖާއެއްގެ ގޮތުން އެ މީހުން ހިދުމަތް ގަންނަން ގެންގުޅުނު އުސޫލްތަކުގެ ސަބަބުން އަގުތައް އެހުރީ ވަރަށް ކުޑަވެފައި،" އޭނާ ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ އެންސްޕާ އިން ވެސް ބޭރުގެ ހޮސްޕިޓަލްތަކުން މިހާރަށް ވުރެ ކުޑަ އަގެއްގައި ހިދުމަތް ލިބޭނެ އަގުތަކެއް ހޯދައި ޕެކޭޖްކޮށްގެން އާސަންދައިގެ ތެރެއިން ފަރުވާ ލިބޭނެ ގޮތްތަކެއް ހެދުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
"ރާއްޖޭގެ ހޮސްޕިޓަލްތަކުން ދެމުން އަންނަ ހިދުމަތްތައް ވެސް މިދަނީ މަޑުމަޑުން ފީ ފޯ ސާވިސްގެ ބަދަލުގައި ޕެކެޖް ސާވިސްއަށް ބަދަލުކުރަމުން. އޭރުން [ބަލި މީހާއަށް] ނުކުންނަ ކޮމްޕްލިކޭޝަންތައް އިންސްޓިޓިއުޝަންގެ ޒިންމާއަކަށްވެ ކަންތައް ހަމަޖެހިގެންދާނެ. މަޑުމަޑުން މިކަންތައް ހައްލުކުރެވޭނީ،" އޭނާ ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ އެންސްޕާ އިން މަސައްކަތްކުރަނީ ހިދުމަތްދޭ ގޮތަށް ބަދަލު ގެނެސްގެން ސުކީމަށް ކުރާ ހަރަދުތައް ކުޑަކުރަން ކަމަށެވެ. އަދި ޕެކޭޖްކޮށްގެން ފަރުވާދޭން ފެށުމުން އާސަންދައިގެ ތެރެއިން ބޭކާރުގެ ގޮތުގައި ކުރެވޭ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކުރވޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ޕެކެޖްކޮށްފައި ކޮންޓްރޯލްކުރީމަ ހަރަދު ކުޑަވޭ. މިހާރު އޭގެ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ޔަގީނުން ވެސް މިހާރު ހިދުމަތް ލިބޭ އަގަށް ވުރެ އެތައް ތަނެއް ކުޑަވެގެންދާނެ. އިންޑިއާގެ ބައެއް ހޮސްޕިޓަލްތަކުން ޕްރިފަރެންޝަލް ރޭޓްތަކެއްގައި ދޭން އެއްބަސްވެފައި މިހާރު އެބަހުރި،" އޭނާ ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވީ އެންސްޕާ މެދުވެރިކޮށް ރާއްޖެ އިން ބޭރުން އަހަރަކު ގާތްގަނޑަކަށް 4000އެއްހާ މީހުން ފަރުވާ ހޯދާ ކަމަށެވެ.