ކޮންމެ އަހަރަކު ރޯދަމަހާ ދިމާކޮށް، ބާއްވަމުން އަންނަ ނައިޓް މާކެޓް، އެހެން އަހަރުތަކާ ހިލާފަށް ބަޑިބޭހުގެ ކުޅިވަރުތަކާއި ރެކޯޑް އަދަދުގެ މޭޒުތަކާއެކު މިރޭ ފަށާނެ ކަމަށް އެ މާކެޓް އިންތިޒާމް ކުރާ ކުންފުނިން ބުނެފިއެވެ.

ނައިޓް މާކެޓް އިންތިޒާމްކުރާ ގޯ މީޑީއާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖާ އިބްރާހިމް އާމިރު "ސަން" މިއަދު ވިދާޅުވީ 765 މޭޒާއެކު މިހާތަނަށް ބާއްވާ އެންމެ ބޮޑު ނައިޓް މާކެޓް މިރޭ 8:30 ގައި ފަށަނީ އެމްއެންޑީއެފްގެ ބަޑިބޭހުގެ ކުޅިވަރުތަކާއެކުގައި ކަމަށެވެ. މިފަހަރު ފަށާ ނައިޓް މާކެޓް މިރެއިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން 12:00 އެ މާކެޓް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނައިޓް މާކެޓުގައި ބަިއވެރިވެފައިވަނީ 450 މޭޒެވެ.

މިއަހަރުގެ ނައިޓް މާކެޓުގެ މޭޒުތައް އަތުރާފައި ވާނީ ޓަސްކަލޫސާއިން ފެށިގެން ސުނާމީ ބިނާ އާއި ހަމައަށް އަދި އުސްފަސްގަނޑު ސަރަހައްދުން ފެށިގެން ފަތާ ޓުރެކް ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑާއި ހަމައަށް ކަމަށް ގޯ މީޑީއާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަހަރުގެ ނައިޓް މާކެޓުގައި ރާއްޖޭގައި ވިޔަފާރި ކުރާ ކުދި ބޮޑެތި ގިނަ ވިޔަފާރިތަކަކުން ބައިވެރިވާއިރު ހެޔޮ އަގުގައި މުދާ ލިބިގެންދާނެ ކަމަށެވެ. އަދި މިފަހަރުގެ މާކެޓުގައި ހަތަރު ރެސްޓޯރެންޓާއި އިތުރު ފުޑް ކޯޓްތަކެއް ވެސް ހުންނާނެ ކަމަށް އާމިރު ވިދާޅުވި އެވެ.

"އުނގުޅޭ ބާޒާރު" ނަމުގައި މަޝްހޫރުވެފައިވާ ނައިޓް މާކެޓަކީ މީގެ ކުރިން ވިޔަފާރި ވެރިންގެ ޖަމިއްޔާއިން ބާއްވަމުން ގެންދާ މާކެޓެކެވެ. ނަމަވެސް މާލޭ ސިޓީ ކައުންސިލްއާއި އެ ޖަމިއްޔާއާމެދު މީގެ ކުރިން ހިޔާލްތަފާތުވުންތަކެއް ހިނގާފައިވާއިރު ސިޓީ ކައުންސިލްއިން މިފަހަރު ނިންމީ އަމިއްލަ ބަޔަކާއި ހަވާލުކޮށްގެން އެ މާކެޓް ބޭއްވުމަށެވެ.