މޯލްޑިވްސް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ އަހަރީ އާންމު ޖަލްސާ، ބާއްވަން ބޭނުން ވާވަރަށް ހިއްސާދާރުން ހާޒިރުނުވުމުން ޖަލްސާ ނުބޭއްވި، އެ ޖަލްސާ މި މަހުގެ 19 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

ވޭތުވެ ދިޔަ ހަތް އަހަރު ވެސް ކޯރަމް ހަމަނުވެގެން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާތައް މެދުކަޑާލަން ޖެހުނެވެ.

އާންމު ހިއްސާދާރުންގެ ގޮތުގައި 22000 އަށް ވުރެ ގިނަ ހިއްސާދާރުން ހިމެނޭ އެމްޓީޑީސީގެ އޮފީހުގައި ރޭ ބޭއްވި މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަށް ހާޒިރުވީ ޕްރޮކްސީއާ އެކު ޖުމްލަ 12 ހިއްސާދާރުންނެވެ.
ނަމަވެސް، ގަވާއިދު ބުނާ ގޮތުން އާންމު ޖަލްސާއެއްގެ ކޯރަމް އަކީ ކުންފުނީގެ ހިއްސާދާރުންގެ އަޣުލަބިއްޔަތު ހާޒިރުވެގެންނެވެ. އެމްޓީޑީސީގެ ހިއްސާދާރުންގެ ނިސްބަތުން އެ ކުންފުނީގެ ޖަލްސާއެއްގެ ކޯރަމް ހަމަވާނީ މަދުވެގެން 13000 ހިއްސާދާރުން ހާޒިރުވުމުންނެވެ.

ކުންފުނިތަކުން އަމަލުކުރާ ގަވާއިދުގެ ދަށުން އަހަރީ އާންމު ޖަލްސާއަކަށް ގޮވާލުމަށް ފަހު އެ ޖަލްސާގައި ގާނޫނީ އަދަދު ހަމަނުވެއްޖެ ނަމަ ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ ހާއްސަ ހުއްދައެއްގެ ދަށުން ދެން ޖަލްސާ ބާއްވާނީ 14 ދުވަސްފަހުންނެވެ.

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ ކޯރަމް ހަމަނުވެގެން ފަސްކޮށްފައިވާ އިރު މިދިޔަ އަހަރުގެ މާލީ ހިސާބުތައް އާންމު ނުކޮށްގެން ސީއެމްޑީއޭ އިން ވަނީ އެ ކުންފުނި ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެމްޓީޑީސީގެ މިދިޔަ އަހަރުގެ މާލީ ބަޔާނަށް ބަލާ އިރު އެ ކުންފުންޏަށް މިދިޔަ އަހަރު ވަނީ ހަތް މިލިއަން ޑޮލަރު (108 މިލިއަން ރުފިޔާ)ގެ ގެއްލުމެއް ވެފަ އެވެ. އެމްޓީޑީސީގެ ހިއްސާދާރުން ރައުސްމާލަށް ބަލާ އިރު އެ އަދަދު 2011 ވަނަ އަހަރު 40 މިލިއަން ޑޮލަރުގައި ހުރި އިރު މި އަހަރު ނިމުނު އިރު އެ މިންވަރު ވަނީ 34 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ. އެހެންކަމުން އެއީ 2011 ވަނަ އަހަރަށް ވުރެ 16 ޕަސެންޓް ދަށް ވުމެކެވެ. އަދި މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާއަކަށް ލިބުނު އާމްމުދަނީ ވެސް ވަނީ 2.0 ޑޮލަރުގެ ގެއްލުމެއް ވެފަ އެވެ.