06 Jun 2013, 10:22
ނިމި ދިޔަ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން، ޓީމު ރާވާއިރު ވޭން ރޫނީއަށް މިޑްފީލްޑަރެއްގެ މަގާމު ހަވާލު ކުރާތީ އެކާމާ ރޫނީ ހުންނަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް ޔުނައިޓެޑްގެ 10 ނަންބަރު އެއްބަސް ވެއްޖެ އެވެ.
ފޯ-ފޯ-ޓޫ މެގަޒިންއަށް ދިން އިންޓަވިއުއެއް ގައި ރޫނީ ބުނެފައި ވަނީ ފާގަސަން އޭނާއަށް ޕްލޭމޭކާ އެއްގެ ދައުރު އަދާކުރަން ހަވާލު ކުރުމުން ހިތްހަމަ ނުޖެހޭ ކަމަށާއި އަދި ރިސާވްޑް އެޓޭކިން ޕޮޒިޝަންއަށް ކުޅެން އޭނާ ބޭނުން ނުވާ ކަމަށެވެ.
"ތަންކޮޅެއް ފަހުން އަހަރެން އެހެން ޕޮޒިޝަނަކަށް ކުޅެފާނެ. އެކަމަކު މިހާރު އަދި އަހަންނަކީ ހަމަ ސެންޓަ ފޯވަޑެއް. އަދި އަހަރެން ބޭނުންވަނީ ގިނަ ލަނޑުތަކެއް ކާމިޔާބު ކުރަން،" ރޫނީ ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން އާސެނަލްއިން ރޮބިން ވެން ޕާސީ ޔުނައިޓެޑަށް ބަދަލު ކުރުމަށްފަހު ފާގަސަން ޔުނައިޓެޑްގެ ލީޑިން ފޯވަޑެއްގެ މަގާމު ވެން ޕަސީއާ ހަވާލުކޮށް ރޫނީއަށް މިޑްފީލްޑަރެއްގެ މަގާމު ހަވާލު ކުރުމުން އޭނާ ހުންނަނީ އެކަމާ ވަރަށް ބޮޑަށް ފޫހިވެ، އަދި މާޔޫސްވެފަ އެވެ.
ފާގަސަން ކޯޗު ކަމުން ރިޓަޔާ ކުރިއިރު ވޭން ރޫނީ ވަނީ ކުލަބު ދޫކޮށް ދާން ބޭނުންވާ ކަމަށް ފާގަސަން ކައިރީގައި ބުނެފަ އެވެ. އެހެން ކަމުން ޔުނައިޓެޑްގެ އާ ކޯޗު، ޑޭވިޑް މޮއިސްއަށް ދިމާވާނޭ އެންމެ ބޮޑު ގޮން ޖެހުމަކަށް ވާނީ، ރޫނީއާއި ވެން ޕާސީއާ ދެމީހުންގެ މެދުގައި އެވާ މައްސަލަ ހައްލު ކުރުމެވެ.
ފްރާންސްގެ ޕީއެސްޖީއިން ރޫނީ ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ އިރު އާސެނަލްއިންވެސް ދަނީ ރޫނީ ހޯދުމުގެ މަސައްކަތް ކުރަމުން ނެވެ. އެހެން ކަމުން ރޫނީ ހިފަހައްޓަން ބޭނުންނަމަ، ޔުނައިޓެޑުން އޭނާ ހިތްހަމަ ޖެހޭ ގޮތްވެސް ހަދައި ދޭން ޖެހޭނެ އެވެ.