06 Jun 2013, 10:11
އިންސާނާގެ ވިސްނުމުގެ ބާރުގެ ބޭނުންކޮށްގެން އެމެރިކާގެ މިނެސޯޓާ ކޮލެޖް އޮފް އިންޖިނިއަރިންގް އެންޑް ސައެންސްއިން ހެލިކޮޕްޓަރެއް ކޮންޓްރޯލްކޮށްފި އެވެ.
މިނެސޯޓާ ކޮލެޖުގެ ރިސާޗަރުން ވަނީ ކުޑަ ހެލިކޮޕްޓަރުގެ ބާވަތެއް ކަމަށްވާ ކުއެޑްކޮޕްޓާ ނުވަތަ ހަތަރު ބުރަފަތި ލީ ހެލިކޮޕްޓަރެއް އިންސާނާގެ ވިސްނުމުގެ ބާރުގެ ބޭނުންކޮށްގެން އުދުއްސާލުމަށް ފަހު، އަތުރާލާފައިވާ ބުރުތަކެއްގެ ތެރެއިން ކުއެޑްކޮޕްޓާ ކޮންޓްރޯލްކޮށްގެން ދަތުރުކުރުވާފަ އެވެ.
މިތަހުލީލުތަކުގައި ދިރާސާކުރާ ފަރާތްތަކުން ވަނީ ތިން އަންހެނުންނާއި ދެ ފިރިހެނުން ބޭނުންކޮށްގެން އެކިފަހަރު މަތިން މިތަހުލީލުތައްކޮށްފަ އެވެ. އަދި ކޮންމެ ފަހަރަކު ވެސް ކުއެޑްކޮޕްޓާ އުދުއްސާލުމަށް ފަހު، ވިސްނުމުގެ ބާރުގައި ކޮންޓްރޯލްކުރެވިފައިވާ ކަމަށް މިނެސޯޓާ ކޮލެޖުން ބުނެ އެވެ.
މިނެސޯޓާ ކޮލެޖުން ބުނީ މިތަހުލީލުތަކަކީ ޕެރަލައިޒްވެފައިވާ މީހުން ނުވަތަ އެނޫންވެސް ސިކުނޑީގެ މައްސަލަތައް ހުންނަ މީހުންނަށް އެހީވުމަށް އުފެއްދިދާނެ އީޖާދުތަކުގެ ބޭސްލައިން ކަމަށެވެ.
ވިސްނުމުގެ ބާރުގައި ކުއެޑްކޮޕްޓާ ކޮންޓްރޯލްކުރުމަށް ރިސާޗަރުން ބޭނުންކޮށްފައި ވަނީ އިލެކްޓްރޯއެންކޯގުރަފީ (އީއީޖީ) ނޯޑްތަކެއް އެކުލެވޭ ތޮތްޕެކެވެ. މިތޮފި އެޅުމުން ތޮފީގައިވާ 64 އިލެކްޓްރޯޑްގެ އެހީގައި ބޭނުންކުރާ މީހާގެ ސިކުނޑީގެ އިލެކްޓްރިކަލް އެކްޓްވިޓީތައް ހޯދި، އެމެދުވެރިކޮށް ކުއެޑްކޮޕްޓާ ކޮންޓްރޯލް ކުރެވެ އެވެ.
ތޮފިން ފޮނުވައިދޭ ސިގްނަލްތައް ކުއެޑްކޮޕްޓަރަށް ގެންގޮސްދެނީ ވައިފައި ޓެކްނޮލޮޖީގެ އެހީގަ އެވެ.
މިނެސޯޓާގައި ހެދި ތަހުލީލުތައް ހެދުމަށް ޓެސްޓްގައި ބައިވެރިވާ މީހާ ތޮފި އެޅުމަށް ފަހު ކުއެޑްކޮޕްޓަރު ނުފެންނަ ގޮތަށް ފަހަތަށް އެނބުރި، ކުއެޑްކޮޕްޓާ ކޮންޓްރޯލްކޮށްފައި ވަނީ އަތުން އިޝާރާތެއް ނުކޮށް، އަތުން އިޝާރާތްކުރާ ކަން ހިޔާލަށް ގެނެސްގެން ނެވެ.
ކުއެޑްކޮޕްޓާ މަސައްކަތް ކުރާ ގޮތް ތަހުލީލުގައި ބައިވެރިވި މީހުން ބަލާފައި ވަނީ ކުއެޑްކޮޕްޓާގައި ހަރުކުރެވިފައިވާ އޮން-ބޯޑް ކެމެރާއެއްގެ އެހީގައި ޓީވީ ސްކްރީނެއް މެދުވެރިކޮށެވެ.
މިދިރާސާގެ ލީޑް އައުތާ ކަމަށްވާ ޕްރޮފެސާ ބިން ހީ ވިދާޅުވީ މީގެ ކުރިން ވެސް ވިސްނުމުގެ ބާރުގައި މިގޮތަށް އެއްޗެހި ކޮންޓްރޯލް ކުރެވޭ ކަން ހޯދިފައިވާ ނަމަވެސް މިއީ މިކަން އަމަލީ ގޮތުން ސާބިތުކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
މިނެސޯޓާ ކޮލެޖު އޮފް އިންޖިނިއަރިންގް އެންޑް ސައިންސަސް އިން ބުނީ ދެން މަސައްކަތް ކުރަން ނިންމާފައި ވަނީ ވިސްނުމުގެ ބާރުގައި ކޮންޓްރޯލްކުރެވޭ "ރޮބޮޓިކް އާމް" ނުވަތަ މަސްނޫއީ އަތެއް އުފެއްދުމަށް ކަމަށެވެ.