06 Jun 2013, 09:51
އިޓަލީ ކްލަބު ފިއޮރެންޓީނާގެ މޮންޓެނީގްރޯ ފޯވާޑް ސްޓީވަން ޖޮވެޓިޗް އިޓަލީ ޗެމްޕިއަން ޔުވެންޓަސް އާ ގުޅެން ބޭނުން ނަމަ އޭނާ އަށް ފުރިހަމަ އަށް މަރްހަބާ ކިޔާނެ ކަމަށް ޔުވެންޓަސްގެ ކެޕްޓަން އަދި ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.
ޒުވާން މިޑްފީލްޑަރު ޖޮވެޓިޗް ހޯދުމަށް ޔުވެންޓަސް އިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޔުވެންޓަސްގެ އިތުރުން އިނގިރޭސި ކްލަބު އާސެނަލް އިން ވެސް ޖޮވެޓިޗް ހޯދުމަށް މަސައްކަތް ކުރަމުން ދެ އެވެ. ޖޮވެޓިޗް އާ އެކު ޔުވެންޓަސް އަށް ޔޫރަޕްގެ ގަދަ ބާރުތައް ބަލިކުރެވިދާނެ ކަމަށް ބުފޮން ގަބޫލުކުރެ އެވެ.
"ޖޮވެޓިޗް؟ ޔުވެންޓަސް އިތުރަށް ވަރުގަދަކޮށް އިތުރު ކާމިޔާބީ ހޯދައިދޭން އެހީތެރިވެދޭ ކުޅުންތެރިންނަށް މަރުހަބާ ކިޔާނަން. އަހަރެމެން މިހާރު މިދާގޮތަށް ކުރިއަށްދާން ޖެހޭނެ. އަދި ފާއިތުވެދިޔަ ދެސީޒަނަށްވުރެ ޓީމް އިތުރަށް ކުރިއަރުވަން މަސައްކަތްކުރަން ޖެހޭ." ބުފޮން ބުންޏެވެ.
ޔުވެންޓަސް އިން އިތުރު ޒުވާން ކުޅުންތެރިންތަކަކާ އެކު ޓީމަށް ކުރިއެރުން ހޯދުމަށް ވިސްނަން ޖެހޭ ކަމަށް ބުފޮން ދެކެއެވެ. "ޔޫރަޕްގެ އެންމެ ވަރުގަދަ ކްލަބުތަކާއި އެއް ފެންވަރަށް ދިއުމަކީ އެހާ ފަސޭހައިން ވާނެ ކަމެއް ނޫން. ހާއްސަކޮށް ބަޔާން މިއުނިކްގެ ކުޅުން ފާހަގަކޮށްލަން. އިޓަލީ ކްލަބުތަކުގައި ގިނައީ ޒުވާން ކުޅުންތެރިން. އެކުޅުންތެރިން އިތުރަށް ކުރިއަރުވަން ޖެހޭނެ." ބުފޮން ބުންޏެވެ.
އުމުރުން 23 އަހަރުގެ ޖޮވެޓިޗް އާއި ފިއޮރެންޓީނާއާ ދެމެދު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2016 ވަނަ އަހަރުގެ ޖޫން މަހު އެވެ. ނަމަވެސް ޖޮވެޓިޗް އަށް 25-30 މިލިޔަން ޔޫރޯ ހުށަހަޅާ ކްލަބަކުން ފިއޮރެންޓީނާ އިން އޭނާ ދޫކޮށްލާނެ ކަމުގައި ރިޕޯޓްތައް ބުނެ އެވެ.