ފަލްސްތީނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ބިރްޒެއިތު ޔުނިވަސިޓީ އަށް ޒިޔާރަތްކުރައްވައިފި އެވެ.

ބިރްޒައިތް ޔުނިވަސިޓީއަކީ، ފަލަސްޠީނުގައި އުފެއްދި މަތީ ތަޢުލީމު އުނގަންނައިދޭ ފުރަތަމަ ޔުނިވަރސިޓީ އެވެ.

ރައީސުލްޖުމްހޫރިއްޔާ ބިރްޒެއިތް ޔުނިވަރސިޓީ އަށް ކުރެއްވި ޒިޔާރަތުގައި އެ ޔުނިވަސިޓީގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކަންތައްތައް ކުރިއެރުވުމަށް އެފަރާތުގެ އެހީތެރިކަން ހޯއްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ޔުނިވަސިޓީ އަށް ޒިޔާރަތް ކުރެއްވުމާ ގުޅިގެން ޔުނިވަސިޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުވި އެވެ.

އެ ޒިޔާރަތުގައި އެ ޔުނިވަސިޓީގައި ކިޔަވާ ބައެއް ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި އެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހުން ދަރިވަރުން ސުވާލު ދެންނެވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކަކީ، ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި މިކަން ޙައްލުކުރެއްވުމަށް ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ދަރިވަރުންނަށް މަޢުލޫމާތު ދެއްވި އެވެ. މީގެ އިތުރުން، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަކީ، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަންތައް ކަމަށް ވިދާޅުވި އެވެ.

ރައީސް އެ ޔުނިވަސިޓީ އަށް ކުރެއްވި ޒިޔާރަތުގައި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން ބައިވެރިވެވަޑައިގަތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.