ވިގަން އެތްލެޓިކް ދޫކޮށްލުމަށް ފަހު އެކްލަބުގެ ކޯޗް ރޮބާޓޯ މާޓިނޭޒް ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އެވަޓަންގެ ކޯޗުކަމާއި ހަވާލުވެއްޖެ އެވެ.

އެވަޓަން އާއި މާޓިނޭޒް ހަވާލުވީ އެކްލަބުގެ ކޯޗް ޑޭވިޑް މޮއެސް އިނގިރޭސި ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި ހަވާލުވުމުންނެވެ. އެވަޓަން އަށް ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދަދޭނެ ކަމުގެ ޔަގީންކަން މާޓިނޭޒް ދީފައިވާ ކަމަށް އެކަލބުގެ ޗެއާމަން ބިލް ކެންރައިޓް ބުނެފައިވެ އެވެ.

"މީގެ އެގާރަ އަހަރު ކުރިން އަހަރެންނާއި މޮއެސް ބައްދަލުވި އިރު، އެވަޓަން އޮތީ ވަރަށް ދެރަ ހާލަތެއްގައި. މޮއެސް ފުރަތަމަ ބަހަކަށްވީ ދެން ދަށަކަށް ނުދާނެއޭ. މާޓިނޭޒްގެ ފުރަތަމަ ބަހަކަށްވީ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދޭނަމޭ. އަހަރެމެންގެ ކްލަބުގެ ހަގީގަތް އެހާ ރަނގަޅަށް ނޭނގޭ މީހަކަށް އެއީ ކުރެވޭނެ ވަރަށް މޮޅު ކަމަކަށް ވާނެ. ނަމަވެސް މާޓީނޭޒް ވަނީ އެވަޓަންގެ ތާރީހާއި ކްލަބުގެ ފެންވަރު ވަރަށް ރަނގަޅަށް ބަލާފައި." ކެންރައިޓް ބުންޏެވެ.

އެގާރަ އަހަރުތެރޭ އެވަޓަން އަށް މޮއެސް ހޯދައިދިން ކާމިޔާބީތަކާ އެކު އިތުރު ކާމިޔާބީތަކެއް ހޯދައިދޭނެކަން މާޓިނޭޒް ކަށަވަރުކޮށްދީފައިވެ އެވެ.

"ޗެއާމަން އަހަރެންނަކަށް މާބޮޑު ޕްރެޝަރެއް ކުރިމައްޗެއް ނުކުރުވާ. އޭނާ އެދުނީ ޗެމްޕިއަންސް ލީގަށް އެވަޓަން ކޮލިފައިކޮށްދިނުމަށް. އަހަރެންނަށް ހީވަނީ އެއީ ވަރަށް މުހިންމު ކަމެއްހެން. ފުޓްބޯޅާގައި ކުޅުންތެރިންނާއި ސަޕޯޓަރުންނަށް އެންމެ މުހިންމުވާނެ އެއް މުބާރާތަކީ ޗެމްޕިއަންސް ލީގު. އަހަރެން އެކަން ކޮށްދޭނަން." މާޓިނޭޒް ބުންޏެވެ.

ކޯޗެއްގެ ގޮތުގައި މާޓިނޭޒް ހޯދި އެންމެ ބޮޑު ކާމިޔާބަކީ މިދިޔަ ސީޒަންގެ އެފްއޭ ކަޕް ވިގަން އަށް ހޯދައިދިނުމެވެ. މެންޗެސްޓާ ސިޓީ އަތުން މޮޅުވެ އެފްއޭ ކަޕް ތަށި ވިގަން އަށް ކާމިޔާބުކުރެވުނު ނަމަވެސް އެޓީމަށް ޖެހުނީ ރެލިގޭޝަނާއި ކުރިމަތިލާންށެވެ.