އިޓަލީގެ ކްލަބު އޭއެސް ރޯމާގެ ނެދަލޭންޑްސްގެ ގޯލްކީޕަރު މާޓެން ސްޓެކެލެންބާގް ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ކްލަބު ފުލަމް އާ ގުޅިއްޖެ އެވެ.

އުމުރުން ތިރީސް އަހަރުގެ ތަޖުރިބާކާރު ގޯލްކީޕަރު ސްޓެކެލެންބާގް އަކީ ފުލަމް އިން ނިމިގެންދިޔަ ސީޒަނަށް ފަހު ހޯދި ތިންވަނަ ކުޅުންތެރިޔާ އެވެ. ފުލަމް އަށް ކުރިން ސޮއިކޮށްފައިވާ ދެކުޅުންތެރިންނަކީ މިދިޔަ ސީޒަންގައި އެތްލިޓިކް ބިލްބާއޯ ކުޅުނު ވެނެޒުއޭލާގެ ޑިފެންޑަރު ފެނާންޑޯ އަމޮރެބިއެޓާ އަދި ގާނާ މިޑްފީލްޑަރު ޑެރެކް ބޯޓެންގް އެވެ.

"ފުލަމް އަށް ސޮއިކުރެވުނީތީ މިހިރީ ވަރަށް އުފާވެފައި. މިހާ ކުރިން ފުލަމް އަށް ސޮއިކުރެވުނީމަ އަހަރެން ދެން މަސައްކަތްކުރާނީ ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ތައްޔާރީތައްވުމަށް. އޭގެ އިތުރުން ޓީމާއެކު ޕްރީ ސީޒަން މެޗުތަކުގައި ކުޅުމަށް ވެސް ތައްޔާރުވާނަން. ކޯޗް މާޓިން ޖޯލް އާއެކު އަލުން މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ވަރަށް ރަނގަޅު ކަމެއް." ސްޓެކެލެންބާގް ބުންޏެވެ.

ސްޓެކެލެންބާގް ފުލަމް އާ ގުޅުމުން އެކްލަބުގެ ކޯޗް މާޓިން ޖޯލް ވަނީ ހިތްހަމަޖެހޭކަމުގެ ޝަޢޫރުތަކެއް ފާޅުކޮށްފަ އެވެ. "ސްޓެކެލެންބާގް އަކީ މޮޅު ގޯލްކީޕަރެއް. އަޔެކްސް ގައި މަސައްކަތްކުރި އިރު އަހަރެންނަށް އޭނާގެ ފެންވަރު އެނގޭ. ޕްރެމިއާ ލީގުގައި ސްޓެކެލެންބާގް ރަނގަޅު ކުޅުމެއް ދައްކާނެކަމުގެ ޔަގީންކަން އެބައޮތް. އޭނާ އަކީ ފުލަމް އަށް ލިބުނު ވަރަށް ރަނގަޅު ކުޅުންތެރިއެއް." ޖޯލް ބުންޏެވެ.

ސްޓެކެލެންބާގް އަކީ ނެދަލޭންޑްސް ގައުމީ ޓީމްގެ އެއް ނަންބަރު ގޯލްކީޕަރެވެ. ސްޓެކެލެންބާގްގެ ފުޓްބޯޅަ ކެރިޔަރުގެ ބޮޑު ބައެއް ހޭދަކުރީ އަޔެކްސްގަ އެވެ. އެޔެކްސްގައި ސްޓެކެލެންބާގް ނުވަ އަހަރު ހޭދަކޮށްފައިވެ އެވެ.