06 Jun 2013, 09:32
މި އަހަރުގެ މެއި މަހުގެ ނިޔަލަށް ކަސްޓަމްސް އާ ގުޅުން ހުރި 67 މައްސަލައެއް ކަސްޓަމްސްގެ އިންވެސްޓިގޭޝަން އެންޑް ސްޕެޝަލް އެންފޯސްމަންޓް އޮޕަރޭޝަން ސެކްޝަނުން ތަހުގީގުކޮށް އޭގެތެރެއިން 47 މައްސަލައެއް ނިންމާފައިވާ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން އިއްޔެ ބުނީ އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅަބަލާ އިރު 50 ޕަސެންޓް ދަށް ވުމެއް ކަމަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ތަހުގީގްކޮށްފައި ވަނީ 134 މައްސަލަ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
އަދި ބުނީ މެއި މަހުގެ ނިޔަލަށް އެންމެ ގިނައިން ހުށައަޅާފައި ހުރީ ކޮމާޝަލް ފްރޯޑްގެ މައްސަލަތައް ކަމަށެވެ. އެގޮތުން އޮޅުވާލައިގެން އަގު ދަށްކުރަން އުޅުމުގެ 30 މައްސަލައެއް ބަލާފައިވާ އިރު އޭގެ ތެރެއިން 23 މައްސަލައެއް ނިންމައި 17 މައްސަލައެއް ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ. އަދި އެއީ ވެސް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 43 ޕަސެންޓް ދަށް އަދަދެއްކަމަށް ބުންޏެވެ.
މެއި މަހުގެ ނިޔަލަށް ދެވަނަ އަށް އެންމެ ގިނައިން ހުށައަޅާފައި ވަނީ ގާނޫނާ ހިލާފަށް ރާއްޖެ އަށް ތަކެތި އެތެރެކުރަން އުޅުމުގެ މައްސަލަތަކެއް ކަމަށާއި އެގޮތުން އެފަދަ 14 މައްސަލައެއް ހުށައެޅި އޭގެ ތެރެއިން 13 މައްސަލައެއް ނިންމާފައިވާ ކަމަށާއި އެއީ މިދިޔަ އަހަރު އެ މުއްދަތުގައި އެފަދަ މައްސަލަތައް ވެސް ހުށައެޅުނު މިންވަރާ ބަލާއިރު 33 ޕަސެންޓް ދަށް އަދަދެއް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
"ޤާނޫނާއި ގަވާއިދާ ހިލާފުވެގެން މި މައްސަލަތަކުގައި އަތުލެވިފައިވާ ތަކެތީގެ ތެރޭގައި މަސްތުވާތަކެއްޗާއި އެތަކެތި އިޝްތިހާރުކުރުމަށް ބޭނުންކުރެވިދާނެ ތަކެތި، ބަނގުރަލުގެ ބާވަތްތައް، އޮރިޔާން ކާޑު، އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ތަކެތި، ތޫނު ހަތިޔާރު ހިމެނޭ." ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ މުއައްސަސާއާ ގުޅޭ ކުށްތައްކަމުގައިވާ ކަސްޓަމްސްގެ ހުއްދަ ނެތި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ގޮސްއައިސްވުމާއި ތަކެތި އަރުވައިބޭލުމުގެ އިތުރުން ރާއްޖެ އަށް ސިއްރުން މުދާ އެތެރެކުރުމާއި ބޭރުކުރުމާއި ރާއްޖެ އިން ބޭރުން އަންނަ އުޅަނދުފަހަރު ކަސްޓަމްސްގެ ހުއްދަނެތި ރަސްމީ ބަނދަރުތައް ފިޔަވައި އެހެން ތަންތަނަށް ދިއުން އަދި ކަސްޓަމްސްގެ ހުއްދަ ނެތި ކަސްޓަމްސް ކޮންޓްރޯލްގެ ދަށުގައި އޮންނަ އުޅަނދާއި ދޯނި ކައިރިކުރުން ފަދަ މައްސަލަތައް ވޭތުވެ ދިޔަ ފަސް މަހު ބަލާފައިވާ ކަމަށެވެ. އެގޮތުން އެފަދަ 371 މައްސަލައެއް މިދިޔަ އަހަރު ހުށައަޅާފައިވާ އިރު މިއަހަރު އޭގެ 266 މައްސަލައެއް ނިންމާފައިވާ ކަމަށް ބުންޏެވެ.