އިނގިރޭސި ކްލަބު އާސެނަލްގެ ރަޝިޔާ ފޯވާޑް އަންދްރޭ އަރްޝަވީން އާއި، ބްރެޒިލް މިޑްފީލްޑަރު ޑެނިލްސަން އަދި ފްރާންސް ޑިފެންޑަރު ސެބަސްޓިއަން ސްކިލާޗީ ދޫކޮށްލުމަށް އެކްލަބުން ނިންމައިފި އެވެ.

މި ތިން ކުޅުންތެރިންގެ ކޮންޓްރެކްޓް މިމަހުގެ 30 ވަނަ ދުވަހު ހަމަވާނެ އެވެ. ތިން ކުޅުންތެރިންގެ ކޮންޓްރެކްޓް ހަމަވާއިރު އާސެނަލްއަށް އެކުޅުންތެރިން ވިއްކާނުލެވިއްޖެނަމަ އެ ކުޅުންތެރިން ކްލަބް ދޫކޮށް ދާނީ އާސެނަލް އަށް އެއްވެސް ފައިދާއެއް ނުލިބު ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.

ރަޝިޔާގެ ޒެނިތުން ފަނަރަ މިލިއަން ޕައުންޑްގެ ޓްރާންސްފާއެއްގެ ދަށުން 2009 ވަނަ އަހަރު އާސެނަލް އަށް ބަދަލުވުމަށްފަހު އަރްޝަވީން އަށް ވަނީ މޮޅު ކުޅުމެއް ދެއްކޭގޮތް ނުވެފަ އެވެ. މިއަހަރު ޖެނުއަރީގެ ފަހުން މިދިޔަ ސީޒަންގެ ޓީމް ލިސްޓުން އަރްޝަވީން ފެނިފައެއް ނުވެ އެވެ.

ސައޮ ޕައޮލޯގައި މޮޅު ކުޅުމެއް ދެއްކުމަށްފަހު 2006 ވަނަ އަހަރު އާސެނަލް އާއި ގުޅުނު ފަހުން ޑެނިލްސަން އަށް މޮޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން 2011 ވަނަ އަހަރުން ފެށިގެން ލޯންގެ ދަށުން އަލުން ޑެނިލްސަން ކުޅެން ޖެހުނީ ސައޮ ޕޯލޯގެ ޖާޒީގަ އެވެ.

ބްރެޒިލްގެ ދުވަސްވީ ޑިފެންޑަރު ސްކިލާޗީ އަށް މިދިޔަ ދެ ސީޒަންގައި އާސެނަލް އަށް ކުޅެން ލިބުނީ އެންމެ ނުވަ މިނެޓަށެވެ. ސްޕެއިންގެ ސެވިއްޔާ އިން 2010 ވަނަ އަހަރު ހަތަރު މިލިޔަން ޕައުންޑަށް އާސެނަލް އާއި ގުޅުމަށްފަހު އެޓީމުން ގިނަ ފުރުސަތުތަކެއް ސްކިލާޗީ އަށް ލިބިފައެއް ނުވެއެވެ.

އާސެނަލްގެ ފުރަތަމަ ޕްރީ ސީޒަން މެޗުތައް އޮތް މަންޒިލަކީ އޭޝިއާ އެވެ. އޭޝިއާއަށް ކުރާ ދަތުރުގައި އަންނަ މަހު 14 ވަނަ ދުވަހު އާސެނަލް ނުކުންނާނީ އިންޑޮނޭޝިއާ އާއި ދެކޮޅަ ށެވެ. އެއަށްފަހު ވިއެޓްނާމް، ނަގޮޔާ ގްރަމްޕަސް އަދި އުރަވާ ރެޑް ޑަޔަމަންޑްސް އާއި ދެކޮޅަށް ނުކުންނާނެ އެވެ.